ޚަބަރު

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް މިއަދުވެސް ވިއްސާރަވާނެ


ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސަރަވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ. ރޭ ދަންވަރުން ފެށިގެން ހެނދުނާއި ހަމައަށް ވައިޓް އެލަރޓްވެސް ނެރެފައެވެ.

މެޓް އޮފީހުން ލަފާކޮށްފައިވަނީ މާލެއިން އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަވާނެކަމަށެވެ. ޚާއްސަކޮށް ވިލާގަނޑުގައި ވައި ގަދަވާނެތީ ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދަނީ އިލްތިމާސްކުރަމުންނެވެ.

އާއްމުގޮތެއްގައި ވައިޖެހޭނީ 13މޭލާ 23 މޭލާ ދެމެދުގެ ބާރު މިނުގައެވެ. ނަމަވެސް ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. ދެކުނުގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެއެވެ. އުތުރުގެ އަތޮޅުތަކަށް ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާ 7 ފޫޓާ ދެމެދުއެވެ.

މޫސުން ގޯސްވާ ވަގުތުތަކުގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލްކަމެއް ދިނުމަށް ކަމާ ގުޅުންހުރި ފަރާތްތަކުން އިލްތިމާސްކުރެއެވެ.