ޚަބަރު

ޖެކްލިންގެ ހޮލީވުޑް ފިލްމުގެ ފަސްޓް ލުކް ދައްކާލައިފި


ބޮލީވުޑް ތަރި ޖެކްލިން ފެނާންޑޭޒްގެ ކުރިއަށްއޮތް ހޮލީވުޑް ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ. 8 އަންހެން ޑައިރެކްޓަރުން ޑައިރެކްޓުކޮށްފައިވާ މި ފިލްމަކީ "ޓެލް އިޓް ލައިކް އަ ވުމެން" އެވެ.

ޖެކްލިންގެ އިތުރުން ޖެނިފާ ހަޑްސަން، ތާރާޖީ ޕީ ހެންސަން އަދި ކާރާ ދެލެވީންވެސް ފެންނަ މި ފިލްމުން ފުރުޞަތެއް ލިބުމުން ވަރަށް ފަޚްރުވެރިވާ ކަމަށް ޖެކްލިން ބުނެއެވެ.

މި ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލާފައިވަނީ ޖެކްލިންގެ އިންސްޓަގްރާމްގައެވެ. ޕޯސްޓަރުގައި ފެންނަނީ ޖެކްލިންގެ އިތުރުން މާގްރީޓާ ބާއި، އީވާ ލޮންގޯރިއާ، ކާރާ ދެލެވީންސް، އެން ވަތަނާބޭ، ޖެނިފާ ހަޑްސަން އަދި މާސިއާ ގޭ ހާޑަންގެ ފެންނަ ފޮޓީއެވެ. ޕޯސްޓަރުގެ ކެޕްޝަންގައި ޖެކްލީން ބުނެފައިވަނީ މި ފިލްމުގެ ބައެއްގައި ހިއްސާވާން ލިބޭތީ އޭނާ ވަރަށް ފަޚުރުވެރިވާ ކަމަށެވެ.

މި ފިލްމަކީ ފީޗާ ލެންތު ފިލްމެކެވެ. ފިލްމުގައި ވަކި ވަކި 7 ސެގްމެންޓު ހިމެނޭނެއެވެ. މި ފިލްމުގައި ހިމެނޭ ޖެކްލީންގެ ބައި ޑައިރެކްޓުކުރާނީ ލީނާ ޔާދަވްއެވެ. އިޓަލީ، އިންޑިއާ، ޖަޕާން އަދި އެމެރިކާގައި މަންޒަރުތައް ނަގާފައިވާ މި ފިލްމު މި އަހަރު ސިނަމާތަކުގައި އަޅުވަން ވަނީ ތާވަލުކޮށްފައެވެ.

2009 ވަނަ އަހަރު ދެއްކި ފިލްމު "އަލާއުއްދީން" އިން ބޮލީވުޑަށް ތަޢާރަފްވި ޖެކްލިންގެ ފުރަތަމަ ހޮލީވުޑް ފިލްމަކީ 2015 ވަނަ އަހަރު ދެއްކި އިނގިރޭސި ބިރުވެރި ފިލްމު "ޑެފިނީޝަން އޮފް ފިއާ" އެވެ.

"ބައްޗަން ޕާންޑޭ" އަދި "އެޓޭކް" އަކީ ޖެކްލިން މިއަހަރު ފެނުނު ބޮލީވުޑް ދެ ފިލްމެވެ. ޖެކްލިން ދެން އެންމެ އަވަހަށް ފެންނާނީ ރަންވީރު ސިންގާއިއެކު ފެންނަ "ސާކަސް" އިންނެވެ. އަކްޝޭ ކުމާރާއި ނުޝްރަތު ބަރޫޗާ އާއިއެކު ޖެކްލިން ފެންނަ އެކްޝަން އެޑްވެންޗާ ފިލްމު "ރާމް ސޭޓޫ" އަކީވެސް ޖެކްލިންގެ ކުރިއަށްއޮތް ފިލްމެކެވެ.