ކުޅިވަރު

ލޯނު އެއްބަސްވުމެއްގެ ދަށުން ލެންގްލޭ ޓޮޓްނަމަށް


ސްޕެއިންގެ އެފްސީ ބާސެލޯނާއަށް ކުޅުނު ފްރާންސްގެ ގައުމީ ޓީމުގެ ތަރި ކްލެމެންޓް ލެންގްލޭ ލޯން އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ޕްރިމިއަރ ލީގުގެ ޓޮޓްނަމް ހޮޓްސްޕަރއަށް ސޮއިކޮށްފިއެވެ.

ލެންގްލޭ ސްޕަރސްއަށް ގޮސްފައިވަނީ އެއްއަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި އެއްބަސްވުމުގެ ދަށުން އެއްއަހަރު ހަމަވާއިރު ސްޕަރސްއިން ބޭނުންވާނަމަ އޭނާ ދާއިމީކޮށް ސޮއިކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

އުމުރުން 27 އަހަރުގެ މި ކުޅުންތެރިޔާއަށް ބާސާގައި މާ އެދެވޭ ކުޅުމެއް ނުދެއްކެއެވެ. އަދި ފުރަތަމަ އެގާރައިން ޖާގަ ލިބުން ދަތިވެފައިވާއިރު ކޯޗް ޒާވީ ހެނާންޑޭޒްގެ ޕްލޭންގައި އޭނާ ނެތްކަން ހާމަކޮށް އެހެން ކްލަބަކުން ފުރުސަތު ހޯދުމުގެ ފުރުސަތު އޭނާއަށް ވަނީ ވަރަށް ފަހުން ހުޅުވާލާފައެވެ.

ބާސާއިން ލެންގްލޭ ސޮއިކޮށްފައިވަނީ 2018 ވަނަ އަހަރު ސެވިއްޔާއިން 35.9 މިލިއަން ޔޫރޯއަށެވެ. އަދި އޭނާގެ ކޮންޓްރެކްޓްގައި 300 މިލިއަން ޔޫރޯގެ ރިލީޒް މާއްދާއެއްވެސް ހިމެނިއެވެ.

ލެންގްލޭ ވެފައިވަނީ ސްޕަރސްގެ ކޯޗް އާ ސީޒަނަށް އެކްލަބަށް ގެންދިޔަ ފަސްވަނަ ކުޅުންތެރިޔާއަށެވެ. ލެންގްލޭވަނީ ފަރަންސޭސި ޓީމަށް 15 މެޗް މިހާތަނަށް ކުޅެދީފައެވެ. އަދި ބާރސާއަށް 160 މެޗް އޭނާ ކުޅެދީފައިވެއެވެ.