ޚަބަރު

ހަނގުރާމަ ހުއްޓައިލަން ގޮވައިލުމުން ލަވްރޮފް ކޯފާވެއްޖެ


ރަޝިޔާއިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމަ ހުއްޓައިލުމަށް ޖީ20ގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ގޮވައިލެއްވުމުން ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޮފް ކޯފާ އިސްކުރައްވައި ބައްދަވުން ދޫކުރައްވާ ވަޑައިގަންނަވައިފިއެވެ. އިންޑޮނީޝިޔާގެ ބާލީގައި މިހާރު ކުރިއަށްދާ ޖީ20ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ހަކަތައާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރިމަތިވެފައިވާ ހުރަސްތައް ނައްތައިލާނެ މަގުތަކެއް ހޯދުމެވެ.

ނަމަވެސް، މަޝްވަރާތައް ނިމިގެން ދިޔައީ މި ކަމަށް އެދެވޭ ހައްލެއް ނުހޯދިއެވެ. މި ބައްދަލު ކުރެއްވުމަކީ، ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ލެވްރޮފް ދުނިޔޭގެ އެންމެ ބޮޑެތި އިޤްތިޞާދުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.
މި ބައްދަލު ކުރެއްވުމުގެ ފުރަތަމަ ދަންފަޅިއަށް ފަހު ލަވްރޮފް ވިދާޅުވީ ހުޅަނގުގެ ޤައުމުތަކުން ބައްދަލުވުމުގެ އެޖެންޑާގެ ބޭރުން ރަޝިޔާއަށް ބަހުގެ ހަމަލާތައް އަމާޒުކޮށްފައިވާ ކަމުގައެވެ. އަދި، ރަޝިޔާއާ ދެކޮޅަށް ގެންގުޅެފައިވާ ބަސްމަގު އެއްވެސް ހާލެއްގައި ބަލައިނުގަނެވޭނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އަދި، ބައްދަލުވުމުގެ ދެވަނަ ދަންފަޅީގައި ލަވްރޮފްވަނީ ރަޝިޔާގެ ފަރާތުން ބަޔާނެއް އިއްވެވުމަށް ފަހު، ހުޅަނގުން ރަޝިޔާއާ މެދު ގެންގުޅޭ ބަސްމަގާމެދު ކޯފާ އިސްކުރައްވައި ބައްދަލުވުން ދޫކުރައްވާ ވަޑައިގަންނަވާފައެވެ. ދުނިޔެއަށް މި ވަގުތު ކުރިމަތިވެފައިވާ ކާބޯތަކެއްޗާއި ހަކަތައިގެ ދައްޗަކީ ރަޝިޔާގެ ސަބަބުން ކުރިމަތިވެފައިވާ ދަތިކަމެއް ކަމަށް ހުޅަނގުގެ ބާރުތަކުން ބުނެއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ޔޫކްރެއިނުގައި ހައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓު ކުރުމަށް ވަނީ ހުރަސް އެޅިފައެވެ. މި ކަމާ ގުޅޭ ގޮތުން ލަވްރޮފް ވިދާޅުވީ، މި މައްސަލަ ހައްލު ކުރުމާ ގުޅޭ ގޮތުން ޔޫކްރެއިނާއި ތުރުކީވިލާތާއެކު މަޝްވަރާކުރުމަށް ރަޝިޔާއިން ތައްޔާރަށް އޮތްކަމުގައެވެ.