ޚަބަރު

އިސްރާއީލާއި ތުރުކީއާ ދެމެދު ވައިގެ ދަތުރުތައް ފަށަނީ


އިސްރާއީލާއި ތުރުކީވިލާތާ ދެމެދު ކޮމަރޝަލް ވައިގެ ދަތުރުތައް އަލުން ފެށުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ފަހަކަށް އައިސް ވަނީ ބަދަހިވެފައެވެ. އަދި، 1951 ވަނަ އަހަރަށް ފަހު ދެ ޤައުމުގެ ދެމެދުގައި ފުރަތަމަ ފަހަރަށް މި ވަނީ ވައިގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން، 15 އަހަރުގެ މެދުކެނޑުމަކަށް ފަހު، އިސްރާއީލުގެ އެއަރލައިންތަކަށް ތުރުކީ ވިލާތަށް ދަތުރުތައް ފެށޭނެއެވެ. އަދި، ތުރުކީގެ އިތުރު އެއަރލައިންތަކަށް ވެސް މި އެއްބަސްވުމާ އެކު އިސްރާއީލަށް ދަތުރުކުރުމުގެ ފުރުޞަތު ހުޅުވިފައިވާ ކަމުގައި އިސްރާއީލުގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނެއެވެ.

2007 ވަނަ އަހަރުން ފެށިގެން އިސްރާއީލުގެ ކޮމަރޝަލް އެއަރލައިނެއް ތުރުކީ ވިލާތަށް ދަތުރު ކޮށްފައެއް ނުވެއެވެ. ނަމަވެސް، ކޮވިޑް-19ގެ ބަލިމަޑުކަން ފެށުމުގެ ކުރިން ތުރުކީ ވިލާތުން ކޮންމެ ދުވަހަކު 16 ފްލައިޓް އިސްރާއީލަށް ބޭއްވިއެވެ. މިއީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ބުނެ، އިސްރާއީލުގެ ޤައުމީ އެއަރލައިނުން ވަނީ ޝަކުވާ ކޮށްފައެވެ.

ހުސްވި ހަފުތާގެ ތެރޭގައި އިސްރާއީލުން ވަނީ، ތުރުކީ ވިލާތުގައި ހުންނަ އެ ޤައުމުގެ ވިޔަފާރިއާއި އިޤްތިޞާދާ ބެހޭ އޮފީސް އަލުން ހުޅުވާނެ ކަމަށް ވެސް ބުނެފައެވެ. މި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ހީނަރުވެގެން ގޮސްފައި ވަނީ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކާ ގުޅިގެން 2018 ވަނަ އަހަރުއެވެ. އެ އަހަރު، ދެ ޤައުމުގައި ތިބި ސަފީރުން ވަނީ އަނބުރާ ޤައުމަށް ފޮނުވައިލާފައެވެ.