ޚަބަރު

ޖީ20ގެ ބައްދަލުވުމަށް ޔޫކްރެއިން ހަނގުރާމައިގެ ހިޔަނިއެޅިފައި


އެންމެ ބޮޑު 20 އިޤްތިޞާދުގެ މައްޗަށް އެކުވެލިގެންވާ ޖީ20ގެ ބައްދަލުވުމެއް އިންޑޮނީޝިޔާގެ ބާލީގައި ފެށިގެން ކުރިއަށްދާއިރު، މި ބައްދަލުވުމުގެ އަމާޒު ހުއްޓިފައިވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއި، އެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިޤްތިޞާދަށް އަންނަމުން ލޮޅުންތަކުގެ މައްޗަށެވެ. މި ބައްދަލުވުމުގައި ޖީ20ގެ ގިނަ ޤައުމުތަކެއްގެ ޚާރިޖީ ވަޒީރުން ބައިވެރިވެ ވަޑައިގަންނަވާއިރު، އެންމެންގެ ނަޒަރު ހުއްޓިފައި ވަނީ ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލެވްރޮފަށެވެ.

މިއީ، ފެބުރުއަރީ 24 ވަނަ ދުވަހު ރަޝިޔާއިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށި ފަހުން ދުނިޔޭގެ އެހެން ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ލެވްރޮފާއި އެއް ތަނަކުން ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ. އަދި، ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ މި ސަމިޓުގެ ހަވާސާގައި ލެވްރޮފް ބައްދަލު ކުރައްވާނެއެވެ. ނަމަވެސް، ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ވަނީ ލެވްރޮފާ ވަކިން ބައްދަލު ކުރައްވަން ބޭނުންފުޅުވެ ވަޑައިނުގަންނަވާ ކަން ހާމަ ކުރައްވާފައެވެ. އޭގެ ތެރޭގައި ޖަރުމަނު ވިލާތުގެ އަނާލީނާ ބެއާބޮކާއި އެމެރިކާގެ އެންތޮނީ ބްލިންކެން ހިމެނިވަޑައިގަންނަވައެވެ.

އޮސްޓްރޭލިޔާގެ ޚާރިޖީ ވަޒީރު ޕެނީ ވޮންގް ވިދާޅުވީ މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކަށް ވާންވާނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުވައި، ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިޤްތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކަށް ނިމުނެއް ގެނައުމަށް ކަމުގައެވެ.

އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ލިޒް ޓްރަސް ވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވައިގަންނަވައެވެ. ނަމަވެސް، އޭނާގެ ޤައުމުގެ ސިޔާސީ މަސްރަޙު ހޫނުވެފައިވާ މި ދަނޑިވަޅުގައި ޖީ20ގެ ބައްދަލުމުން ނިމުމުގެ ކުރިން އޭނާ އެނބުރި ޤައުމަށް ވަޑައިގަންނަވާނެއެވެ.

ޖީ20ގެ ބައްދަލުވުމުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ ހަކަތައާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމެވެ. ދުނިޔޭގެ އިޤްތިޞާދަށް މި ވަގުތު ކުރިމަތިވެފައިވާ ހަކަތާއި ކާބޯތަކެތީގެ ދަތި ކަމުގެ ޒިންމާ ރަޝިޔާއިން އުފުލަން ޖެހޭނެ ކަމަށް ހުޅަނގުގެ ބާރުތަކުން ދެކެއެވެ.