ޚަބަރު

ހުޅަނގުން ހަނގުރާމައަށް ނުފޫޒު ފޯރުވާނަމަ ޔޫކްރެއިންގެ ނިމުން ހިތިވާނެ: ޕުޓިން


ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރެއަށް ހުޅަނގުގެ ބާރުތަކުން ވަދެއްޖެ ނަމަ، ޔޫކްރެއިންގެ ނިމުން ވަރަށް ހިތިވާނެކަމުގެ އިންޒާރު ރަޝިޔާގެ ރައީސް ވްލަޑިމީރް ޕުޓިން ދެއްވައިފިއެވެ. ރަޝިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވީ ރަޝިޔާއަކީ ދުޝްމަނެއްގެ ގޮތުގައި ސިފަކޮށް، އަދި އެހެން ޤައުމުތަކަށް އޮތް ބިރެއްގެ ގޮތުގައި ދެއްކުމަށް ހުޅަނގުގެ ޤައުމުތަކުން މަސައްކަތް ކުރާތާ އަހަރުތަކެއް ވެފައިވާ ކަމުގައެވެ.

"ޔޫކްރެއިނުގެ އެންމެ ފަހު މީހާއާ ޖެހެންދެން ވެސް ހުޅަނގުން ރަޝިޔާއާ ހަނގުރާމަ ކުރާނެ ކަމަށް ބުނާ އަޑު އެތައް ފަހަރަކު އިވިއްޖެ. އެއީ ޔޫކްރެއިންގެ ރައްޔިތުންނަށް އޮތް ހިތި ނިމުމަކަށް ވާނެ. ކަންކަން ދަތުރު ކުރަމުންދާ ތަން މި ފެންނަނީ އެ ދިމާލަށް،" ޕުޓިން ވިދާޅުވިއެވެ. އަދި ހުޅަނގުން މި ހަނގުރާމައިގެ ތެރެއަށް ވަދެ، ބައިވެރިވުމަކީ ރަޝިޔާއިން މަރުޙަބާ ކިޔާނެ ކަމެއް ކަމުގައި ޕުޓިން ވިދާޅުވިއެވެ.

ރަޝިޔާ ހުއްޓުވަން ހުޅަނގުގެ ޤައުމުތަކުން ކުރަމުންދާ މަސައްކަތްތައް ނާކާމިޔާބު ވެފައިވާ ކަމުގައި ވެސް ޕުޓިން ވިދާޅުވިއެވެ. އަދި، ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާއަށް ކުދި ދަތިތަކެއް ކުރިމަތިވި ނަމަވެސް، ބޮޑު އަސަރެއް ކޮށްފައި ނުވާ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، ރަޝިޔާއަކީ ޞުލްޙައާ ދެކޮޅު ޤައުމެއް ނޫން ކަމަށާއި، ނަމަވެސް ހަނގުރާމަ ދިގުލައިގެން ދާ ނަމަ، ޞުލްޙަ ޤާއިމު ކުރަން ދަތިވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޔޫކްރެއިނަށް ބައިނަލްއަޤުވާމީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާ ކުރަމުންދާ އެއް ޤައުމަކީ އިނގިރޭސިވިލާތެވެ. ނަމަވެސް، ހުސްވި ހަފުތާގެ ތެރޭގައި އެ ޤައުމުގެ ސިޔާސީ މަސްރަޙު ވަނީ ހޫނުވެފައެވެ. އަދި، ބޮޑުވަޒީރު ބޮރިސް ޖޮންސަންވަނީ އިސްތިޢުފާ ދެއްވަން ނިންމަވައި، އެ ކަން އިޢުލާނު ކުރައްވާފައެވެ. ނަމަވެސް، ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިނގިރޭސިވިލާތުން ދެމި އޮންނާނެ ކަމުގައި ޖޮންސަން ވިދާޅުވިއެވެ. ބުރާސްފަތި ދުވަހު އޭނާ ވަނީ ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ ފޯނުން ގުޅުއްވާ ވާހަކަފުޅު ދައްކަވާފައެވެ. ވިދާޅުވީ، ޒެލެންސްކީއަކީ މުޅި ދުނިޔެއިން ވެސް ބަލައިގަންނަ އަދި އިޙުތިރާމު ކުރާ ލީޑަރެއް ކަމުގައެވެ. ޒެލެންސްކީ ވިދާޅުވީ، އިނގިރޭސި ވިލާތުގެ އެހީތެރިކަން މެދުކެނޑޭނެ އެއްވެސް ހާލަތެއް މެދުވެރި ނުވާނެ ކަމުގެ ޔަޤީން ކަން ޖޮންސަން ދެއްވި ކަމުގައެވެ.

ޔޫކްރެއިންގެ ސަރުކާރަށް ތާޢީދު އޮތް މިންވަރު ހާމަކޮށްދިނުމަށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ދެ ސެނެޓަރުންވަނީ ޔޫކްރެއިންގެ ވެރިރަށް ކީވަށް ޒިޔާރަތް ކުރައްވާފައެވެ. ރިޕަބްލިކަން ޕާޓީގެ ލިންޑްސޭ ގްރަހަމާއި ޑިމޮކްރެޓިކް ޕާޓީގެ ރިޗަރޑް ބްލުމެންތޯލްގެ ދަތުރުފުޅުގައި ޒެލެންސްކީއާ ބައްދަލު ކުރެއްވިއެވެ. މި ދެ ބޭފުޅުންގެ ދަތުރުފުޅުގެ މަޤްޞަދަކީ، ރަޝިޔާއަކީ ޓެރަރިސްޓުންނަށް ވާގިވެރިވާ ޤައުމެއް ކަމަށް ކަނޑައަޅަން ހުށަހަޅާފައިވާ ބިލަކާ މެދު މަޝްވަރާ ކުރުމެވެ. އެ ބިލު ފާސްވެއްޖެ ނަމަ، ޓެރަރިޒަމަށް ހިވްވަރުދޭ ކަމަށް ތުހުމަތު ކުރެވޭ ޤައުމުތަކުގެ ލިސްޓަށް ރަޝިޔާ އިތުރު ކުރާނެއެވެ. އެ ލިސްޓުގައި މިހާރު ހިމެނޭ ޤައުމުތަކަކީ އީރާނާއި، ސޫރިޔާއާއި އުތުރު ކޮރެޔާއެވެ.

ހަނގުރާމަ މައިދާނުގައި ރަޝިޔާއިން ދަނީ ޔޫކްރެއިނުގެ އިތުރު ސަރަޙައްދުތަކަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ. އަދި، އުތުރުގައިވާ ޚާކީވަށް ދިން ރޮކެޓް ހަމަލާތަކެއްގައި ޢާންމުންގެ ތިން މީހަކު މަރައިލާ، އިތުރު ފަސް މީހަކު ވަނީ ޒަޚަމްކޮށްލާފައެވެ. ޔޫކްރެއިނުގެ އިރުމަތީގެ ގިނަ ސަރަޙައްދުތަކެއް ރަޝިޔާއިން ކޮންޓްރޯލް ކުރަމުން ދިޔަ ނަމަވެސް، އަދިވެސް ޔޫކްރެއިން ސަރުކާރުގެ ބާރުގެ ދަށުގައި ބޮޑެތި ބައެއް ރަށްތައް އެބައޮތެވެ.

އޭގެ ތެރެއިން ރަޝިޔާއިން ދެން ހިފަން މަސައްކަތް ކުރާނީ ކަރަމަތޮރްސްކް ކަމަށް ފެންނާތީ، ޔޫކްރެއިން ސިފައިން ވަނީ އެ ރަށުގައި ދިފާޢީ ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށާފައެވެ. ރަޝިޔާ ސިފައިން މިހާރު ވެސް ވަނީ އެ ރަށަށް މިސައިލް ހަމަލާ ދޭން ފަށާފައެވެ. މީގެ ތެރެއިން އެއް ހަމަލާގައި ޢާންމުންގެ މީހަކު މަރުވެފައިވާ އިރު، އިތުރު ތިން މީހަކު ޒަޚަމްވިއެވެ.