ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަށް ދިން ބަޑީގެ ހަމަލާއަކަށް ފަރުވާ ދެމުން ދަނިކޮށް އަވަހާރަ ވެއްޖެއެވެ. އަބޭގެ ހަށިގަނޑަށް ބަޑި ޖަހައި ހަމަލާ ދީފައި ވަނީ އޭނާގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަން ހުއްޓައެވެ. އޭނާގެ އުމުރުފުޅަކީ 67 އެވެ.
އަބޭގެ ހަށިގަނޑަށް ދެ ވަޒަން އަރާފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. އަދި، ވަގުތުން ހެލިކޮޕްޓަރުގައި އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށިއެވެ. އެ ވަގުތު އޭނާގެ ހޭ ހުރި ކަމުގައި ވީ ނަމަވެސް، ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި އިރު އޭނާ އޮންނެވީ ކޯމާއެއްގައި ކަމަށް އޮފިޝަލުން ބުނެއެވެ.
އަބޭއަށް ހަމަލާ ދީފައި ވަނީ އޭނާގެ ފުރަގަހުގައި ހުރި މީހެކެވެ. ޓުޓްސޫޔާ ޔަމަގާމީ ކިޔާ މި މީހާ އަބޭއަށް ހަމަލާ ދިނުމަށް ބޭނުންކޮށްފައި ވަނީ އަމިއްލަ ތައްޔާރުކޮށްފައިވާ ބަޑިއެއް ކަމަށް ޖަޕާނުގެ ފުލުހުން ބުނެއެވެ. 41 އަހަރުގެ ޔަމަގާމީ ވަގުތުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އަބޭ އަވަހާރަވުމުގެ ކުރިން ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ ވަނީ އޭނާ އަވަހާރަ ކޮށްލަން ދިން ހަމަލާ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ލީޑަރުން ގެންދަވަނީ އަބޭ އަވަހާރަ ވުމުގެ ހިތާމައިގައި ބައިވެރިވެ، ހިތާމަ ފާޅު ކުރައްވަމުންނެވެ.
އަބޭއަކީ ޖަޕާނުގެ ބޮޑުވަޒީރުގެ މަޤާމު އެންމެ ގިނަ ދުވަސްވަންދެން ކުރެއްވި ބޭފުޅާއެވެ. ބޮޑުވަޒީރު ކަމުގެ މަޤާމުގެ ދެ ދައުރު އޭނާ ފުރިހަމަ ކުރެއްވިއެވެ. އަދި، އެ މަޤާމުން 2020 ވަނަ އަހަރު ވަކިވެވަޑައިގެންނެވީ ޞިއްޙީ ހާލަތު ތަންނުދޭތީ ކަމަށް ވިދާޅުވެއެވެ. ނަމަވެސް، އެއަށް ފަހު ވެސް އޭނާ ގެންދެވީ އޭނާގެ ޕާޓީ ހިންގެވުމުގައި އިސް ދައުރެއް އަދާ ކުރައްވަމުންނެވެ.
އަބޭ އަވަހާރަކޮށްލުމަކީ 1930 ވަނަ އަހަރަށް ފަހު ޖަޕާނުގެ ބޮޑުވަޒީރަކު މި ފަދަ ގޮތަކަށް އަވަހާރަކޮށްލި ފުރަތަމަ ފަހަރެވެ.