ޚަބަރު

ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ސްރީލަންކާގައި!


ރައީސް ނަޝީދާއި އެމަނިކުފާނުގެ ޤާނޫނީ ޓީމުން ރާއްޖެއިން ބޭރުގައި ދިވެހިރާއްޖޭގެ ތަޞައްވުރަށް ގެއްލުން ލިބޭގޮތަށް ކުރައްވާ ކަންކަމާއި ބެހޭގޮތުން ސްރީލަންކާގައި ޙަރަކާތްތެރިވާ ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ސްރީލަންކާގެ ޚާރިޖީ ވަޒީރާ މިއަދު ބައްދަލުކުރައްވައިފިއެވެ. ސްރީލަންކާގެ ޚާރިޖީ ވަޒީރު މަންގަލަ ސަމަރަވީރައާއި ބައްދަލުކުރައްވައި ދިވެހި ސަރުކާރާއި ދިވެހިރާއްޖޭގެ އަދުލްއިންސާފުގެ މަސައްކަތްތަކާއި އަދި ދިވެހި ދައުލަތުގެ އެހެން ބައެއް ކަންކަމާއި ގުޅޭގޮތުން ރައީސް ނަޝީދާއި އެމަނިކުފާނުގެ ޤާނޫނީ ޓީމުން ފަތުރުއްވާ ވާހަކަތަކުގެ ޙަޤީޤަތްތައް ސްރީލަންކާ ސަރުކާރަށް ސާފުކޮށްދެއްވާފައެވެ.ޖިނާޢީ ކުށެއްގައި ޖަލު ޙުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ބޭސްފަރުވާއަކަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށްފަހު، އެމަނކުފާނާއި އެމަނިކުފާނުގެ ޤާނޫނީ ޓީމުން ދިވެހިރާއްޖެއާއި ދިވެހި ސަރުކާރާ ބެހޭގޮތުން ފަތުރުއްވަމުން ގެންދަވާ ޙަޤީގަތާއި ޚިލާފު ވާހަކަތަކާއި ގުޅިގެން އެކަމުގެ ޙަޤީޤަތް އޮޅުން ފިލުއްވައިދެއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ދިވެހި ސަރުކާރުގެ މަތީފެންވަރުގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ލީގަލް އެފެއަރޒް އަލްއުސްތާޛާ ޢާއިޝަތު ޢަޒިމާ ޝަކޫރާއި، މިނިސްޓަރ އޮފް އެންވައިރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމާއި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަސީރުއެވެ. މި މަސައްކަތުގައި ސްރީލަންކާގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރ ޒާހިޔާ ރަޒީރުވެސް ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. ދިވެހި ސަރުކާރުގެ ވަފުދުގެ ބޭފުޅުން ވަނީ ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ އިނގިރޭސި ސަފީރު ޖޭމްސް ޑައުރިސް އާއި ޖަރުނަމުގެ ސަފީރު ޑޮކްޓަރ ޖާރގެން މޯހާރޑްއާ ބައްދަލުކުރައްވައި، ރައީސް ނަޝީދާއި އެމަނިކުފާނުގެ ޤާނޫނީ ޓީމުން ބައިނަލްއަޤުވާމީ މުޖުތަޢަށް ފަތުރުއްވަމުން ގެންދަވާ ޙަޤީޤަތާއި ޚިލާފު ވާހަކަތަކުގެ ޙަޤީޤަތް ބަޔާންކޮށްދެއްވާފައެވެ. އަދި މި ވަފުދުގެ ބޭފުޅުން ވަނީ، ސްރީލަންކާގައި ބައިނަލްއަޤުވާމީ މީޑިއާއަށް ޕްރެސްކޮންފަރެންސެއް ބާއްވަވައި މިކަމާބެހޭ ގޮތުން މަޢުލޫމާތު ދެއްވާފައެވެ.