ދުނިޔެ

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު އަބޭއަށް ބަޑީގެ ހަމަލާއެއް، އޮންނެވީ ކޯމާއެއްގައި


ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަކޮށްލަން ދިން ހަމަލާއަކާ ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާދޭން ފަށައިފިއެވެ. ބަޑި ޖަހައި އަބޭއަށް ހަމަލާދީފައި ވަނީ ޖަޕާނުގެ ރަށެއް ކަމުގައިވާ ނާރާގައި ކުރިއަށްދިޔަ ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަން ހުއްޓައެވެ. އޭނާގެ ހަށިގަނޑުގެ ދެ ތަނަކަށް ވަޒަން އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 67 އަހަރުގެ އަބޭ މި ވަގުތު އޮތީ ޞިއްޙީ ގޮތުން ވަރަށް ނާޒުކު ހާލަތެއްގައި ކަމުގައި ބޮޑުވަޒީރު ފުމިއޯ ކިޝީޑާ ވިދާޅުވިއެވެ. އަދި، އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް ޑޮކްޓަރުން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ކިޝީޑާ ވިދާޅުވިއެވެ.

ޓޯކިޔޯގެ ކުރީގެ ގަވަރުނަރު ޔޮއިޗީ މަސުޒޯއީ ވިދާޅުވީ، ހަމަލާއަށް ފަހު އަބޭ މި ވަގުތު އޮތީ "ކާޑިއޯމަލްމުނަރީ އެރެސްޓް"ގެ ހާލަތުގައި ކަމުގައެވެ. ޖަޕާނުގެ ކެބިނެޓް ސެކްރެޓަރީ ހިރޮކާޒޫ މަޓްސޫނޯ ވަނީ މި ހަމަލާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ، މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ އަމަލެއް ނޫން ކަމުގައި ވިދާޅުވެފައެވެ. އަދި، މި ހަމަލާއިން އަބޭ ސަލާމަތްވާނެ ކަން އަދި ޔަޤީންކޮށް ބުނަން ނޭނގޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

އަބޭއަށް ހަމަލަދީފައި ވަނީ 41 އަހަރުގެ މީހެއް ކަމަށާއި، ވަގުތުން އޭނާ ހައްޔަރު ކޮށްފައިވާ ކަމުގައި ޖަޕާނުގެ ފުލުހުން ބުނެއެވެ. އަދި، އަބޭއަށް ހަމަލާ ދިނުމަށް އޭނާ ބޭނުންކޮށްފައި ވަނީ އަމިއްލައަށް ތައްޔާރުކޮށްފައިވާ ހަތިޔާރެއް ކަމަށް ޤަބޫލު ކުރެވޭ ކަމުގައި ވެސް ފުލުހުން ބުނެއެވެ. އެއީ ނާރާގެ ރައްޔިތެކެވެ.

އަބޭއަކީ ޖަޕާނުގައި އެންމެ ގިނަ ދުވަސް ވަންދެން ބޮޑުވަޒީރުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅާއެވެ. އޭނާ، 2020 ވަނަ އަހަރު ބޮޑުވަޒީރުގެ މަޤާމުން ވަކިވެވަޑައިގަތީ ޞިއްޙީ ހާލުކޮޅު ހުރި ގޮތުން ކަމުގައި ވިދާޅުވެއެވެ. ނަމަވެސް، އޭނާގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީގައި އޭގެ ފަހުން ވެސް އޭނާ ގެންދެވީ އިސް ދައުރެއް އަދާ ކުރައްވަމުންނެވެ.