މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ރެކޯޑު އަދަދަކަށް ޕާސްޕޯޓު ދޫކޮށްފިއެވެ.
އަޟްހާ އީދަށް ބަންދުވުމުގެ ކުރިން އިދާރާތައް ހުޅުވުނު އެންމެ ފަހު ދުވަސް ކަމަށްވާ ބުރާސްފަތި ދުވަހުގެ ރޭގެ 12:00 އާ ހަމައަށް ޕާސްޕޯޓު ދޫކޮށްފައެވެ. އެގޮތުން ބުރާސްފަތި ދުވަހު އެކަނިވެސް ޖުމްލަ 596 ޕާސްޕޯޓް ދޫކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ. އެއީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ގެ ކުރިން ފައިސާ ދައްކާފައިވާ ހުރިހާ ފަރާތްތަކެވެ.
A total of 596 passports were issued on July 7th, as the passport service continued till midnight. #RayyithungeKhidhumathuga pic.twitter.com/3xvo7rTG7k
— Maldives Immigration (@ImmigrationMV) July 7, 2022
ސްކޫލް ބޮޑު ޗުއްޓީއާއި، އީދު ޗުއްތީއާ ދިމާކޮށް ޕާސްޕޯޓަށް އޮތް ޑިމާންޑު ވަނީ ވަރަށް ބޮޑުވެފައެވެ. އެއާއެކު އިމިގްރޭޝަނުން ވަނީ މިދިޔަ މަހުގެ މެދުތެރެއިން ފެށިގެން އެއިދާރާގެ މަސައްކަތު ވަގުތުވެސް އިތުރުކޮށްފައެވެ. އެގޮތުން ރޭގަނޑު 9:30 އާ ހަމައަށް އެ އިދާރާގެ މަސައްކަތު ވަގުތު ވަނީ އިތުރުކޮށްފައެވެ.
ކޯވިޑް-19އާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ދުނިޔޭގެ ގިނަ ޤައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ދަތުރުކުރުމުގެ ލުއިތައް ލިބުމާ ގުޅިގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަދަދުވެސް ވަނީ އަންދާޒާ ކުރިވަރަށް ވުރެ އިތުރުވެފައެވެ. އިމިގްރޭޝަނުން ބުނީ މީގެ ކުރިން ދުވާލެއްގެ މައްޗަށް ޕާސްޕޯޓަށް އެދި ހުށަހަޅަނީ 200 އެޕްލިކޭޝަން ކަމަށެވެ. އެހެންނަމަވެސް މިހާރު އެވްރޭޖްކޮށް ދުވާލަކަށް 800 އެޕްލިކޭޝަން ހުށަހަޅާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އިމިގްރޭޝަންގެ އަމާޒަކީ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުންކަމަށެވެ.