ޚަބަރު

އަމީނީ މަގު ތަރައްޤީކުރުން: އަމަލީ މަސައްކަތް އޮގަސްޓް 20ގައި ފަށަނީ


ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް އަންނަ އޯގަސްޓް މަހުގެ 20 ވަނަ ދުވަހު ރަސްމީކޮށް ފެށޭނެ ކަމަށް އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ މަގުގެ ޑިޒައިން މަސައްކަތާއި ސަރވޭގެ މަސައްކަތް މިހާރު ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި އަދި ސަރވޭގެ މަސައްކަތަށް ބޭނުންވާ މެޝިނަރީއާއި ވެހިކަލް ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.

މާލޭގެ އަމީނީ މަގަކީ، ގިނަ އޮފީސްތަކާއި ސްކޫލްތައް ހުރުމާއެކު ގިނަ ބަޔަކު ބޭނުންކުރާ މަގެކެވެ. އަދި މިއީ މާލޭގެ ހެންވޭރުން މާފަންނަށް ގުޅާލާ މަދު މަގުތަކުގެ ތެރެއިން މަގެކެވެ. މަރާމާތު ނުކޮށް ދިގު މުއްދަތެއް ވުމުގެ ސަބަބުން މަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން އަމީނީ މަގުގައި ތާރު އަޅައިގެން ތަރައްޤީ ކުރުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ)އާއި ވަނީ ހަވާލުކޮށްފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ)ގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކު ވިދާޅުވީ ބޭނުމަކީ އަމީނީ މަގު ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ގިނަ ދުވަހު ބޭނުންކުރެވޭނެ ގޮތަކަށް އެ މަގު ތަރައްޤީކުރުންކަމަށެވެ. އެގޮތުން އާރްޑީސީން އެއްވެސް ހުއްޓުމެއް ނައިސް ކުރިއަށްދާނެ ގޮތަކަށް ނޫނީ މި މަސައްކަތް ނުފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ޕްރޮޖެކްޓްގެ މަސައްކަތްތައް ނިންމުމަށް އަޅުގަނޑުމެންނަށް ލިބިފައި މިއޮތީ ޖުމްލަ 210 ދުވަސް. ޓާގެޓަކީ 1.79 ކިލޯމީޓަރުގެ މަގު މި މުއްދަތަށް ވުރެ ކުރިއަށް ނިންމުން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި މަސައްކަތް ނިންމާނަން." އާރް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކު ވިދާޅުވިއެވެ.

އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ މަގުތަކުގެ އަޑިއަށް ހައްލެއް ގެނެސްގެން ނޫނީ ދާއިމީ ހައްލެއް ނުގެނެވޭނެ ކަމަށެވެ. އެގޮތުން މާލޭގެ މަގުތަކުގެ އަޑި އޮތްގޮތެއް އެއްވެސް މީހަކަށް ނޭނގޭނެ ކަމަށާއި މިހާރު ކުރެވެމުންދާ ސަރވޭއާއެކު އެކަންވެސް އެނގިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން މަގުތައް ހެދި ނިމިގެންދާއިރުގަ އެ މަގުތައް ފެހި ކުރުމުގެ މަސައްކަތްވެސް އަޅުގަނޑުމެން އެބަކުރަން. ކުރިއާ ޚިލާފަށް މިހާރު އަޅުގަނޑުމެން މި ބޭނުންކުރާ ލައިޓްތައް ވެސް ތަފާތު. ހިތްފަސޭހަކަމާއި ހިތްގައިމު ކަމެއް ހުރޭ. އެހެންވީމަ މި ހުރިހާ ކަމަކާ އެކީ މާލޭގެ މަގުތައްވެސް ހިތްގައިމުކުރެވިދާނެ ކަމުގެ ޔަގީންކަން އެބޮތް އަޅުގަނޑުމެންނަށް" މޫސާ އަލީ މަނިކު ވިދާޅުވިއެވެ.

އާރްޑީސީން ބުނީ ޒަމާނީ ފެންވަރަކަށް އަމީނީ މަގު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް އޮތް އޯގަސްޓް މަހުގެ 20 ވަނަ ދުވަހު ރަސްމީކޮށް ފެށޭނެކަމަށެވެ. އެގޮތުން މިހާރު މަގުގެ ޑިޒައިން މަސައްކަތާއި ސަރވޭގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި އަދި ސަރވޭގެ މަސައްކަތަށް ބޭނުންވާ މެޝިނަރީއާއި ވެހިކަލް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ބުނެއެވެ.

އާރްޑީސީގެ އަމާޒަކީ ހިނގާ ބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އުޅަނދުތަކަށްވެސް ފަސޭހަވާނެފަދަ ގޮތަކަށް އަދި ޒަމާނީ ފެންވަރުގެ މަގަކަށް ބޭނުންވާނެ ހުރިހާ ވަސީލަތްތަކަކާއި އެކު ވީހާވެސް އަވަހަށް އަމީނީ މަގަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމެވެ.