ކުޅިވަރު

ޔުނައިޓެޑުގެ ތައިލެންޑް ޓުއާގައި ރޮނާލްޑޯ ބައިވެރިނުވާނެ


މެންޗެސްޓާ ޔުނައިޓެޑުން ތައިލަންޑަށް ކުރާ ޕްރީ-ސީޒަން ޓުއާގައި އެ ޓީމުގެ ތަޖުރިބާކާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބައިވެރިނުވާނެކަން ހާމަވެއްޖެއެވެ.

ޔުނައިޓެޑުން ވަނީ ރޮނާލްޑޯގެ އާއިލީ ކަމަކާއި ގުޅިގެން ޗުއްޓީ އިތުރު ކޮށްދީފައެވެ. ރޮނާލްޑޯ ޔުނައިޓެޑުގައި ބަހައްޓަން ބޭނުންވާކަން ހާމަކޮށް އެ ކުލަބުން ވެސް ވަނީ މީޑިއާގައި ދާދިފަހުން ވާހަކަދައްކާފައެވެ. އަދި އޭނާ ވިއްކާލުމުގެ އެއްވެސް ވިސްނުމެއް ނެތްކަން ހާމަކޮށްފައެވެ.

ނަމަވެސް ކުރިއަށް އޮތް ސީޒަންގައި ރޮނާލްޑޯ ޔުނައިޓެޑުން ފެންނާނެކަމާއި މެދު މިހާރުވަނީ ސުވާލު އުފެދެން ފަށާފައެވެ. އަދި މި ޓުއާގައި އޭނާ ބައިވެރިނުވާނެކަން ހާމަކުރުމާއެކު މި ވާހަކަ ދައްކާ ފަރާތްތަކުގެ އަޑު ވަނީ ގަދަވާން ފަށާފައެވެ.

އުމުރުން 37 އަހަރުގެ ރޮނާލްޑޯވަނީ ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ އޭނާ ދޫކޮށްދިނުމަށް ކްލަބްގައި އެދިފައެވެ. ރޮނާލްޑޯވަނީ އާއިލީ ސަބަބުތަކަށްޓަކައި ޔުނައިޓެޑްގެ ފަރިތަކުރުންތަކުގައި ބައިވެރިވުން ފަސްކޮށްފައެވެ.

އެގޮތުން މި ހަފްތާގައި ޔުނައިޓެޑްގެ ފަރިތަކުރުންތައް ފަށާފައިވާއިރު ރޮނާލްޑޯ ފަރިތަކުރަމުން އަންނަނީ ޕޯޗުގަލްގެ ޤައުމީ ޓީމްގެ ހެޑް ކުއާޓަރގައި އަމިއްލައަށެވެ.

ޔުނައިޓެޑް ތައިލޭންޑަށް ކުރާ ދަތުރުގައި އަންނަ އަންގާރަ ދުވަހު ލިވަޕޫލާއި ދެކޮޅަށް މެޗެއް ކުޅޭނެއެވެ. އަދި އެއަށްފަހު ޓުއާގެ ބާކީބައި ފުރިހަމަ ކުރުމަށް އޮސްޓްރޭލިއާއަށް ދާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.