ނ. ހެނބަދޫން 28 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ އެރަށު ކުންނާރުގޭ އިބްރާޙިމް ރަމީޒްއެވެ.
އޭނާ އެންމެ ފަހުން ފެނުނު ކަމަށް ރަށު ކައުންސިލުން ބުނަނީ މިދިޔަ ބުދަ ދުވަހުގެ ހެނދުނު 08:00 ހާއިރު ރަށުގެ ބަނދަރުމަތިންނެވެ. ނަމަވެސް ރަށުގެ ފިހާރައަކުން އެދުވަހު އިރުއޮއްސުނު ވަގުތު ވިޔަފާރިކުރި ކަމަށް ބުނާ މަޢުލޫމާތެއްވެސް ލިބުނު ކަމަށް ރަށު ކައުންސިލްގެ ރައީސް ހުސައިން އަބޫބަކުރު ޕީއެސްއެމްއަށް މަޢުލޫމާތުދިނެވެ.
އޭނާ ނުފެނިގެން އާއިލާއިން ކައުންސިލަށް ރިޕޯޓްކުރުމުން، އެ މައްސަލަ ފުލުހަށް ހުށައެޅީ އެރޭގެ 7 ޖަހާ އެހާކަށްހާއިރުއެވެ. އަދި ފުލުހުންވެސް މިހާރުވަނީ އެ މީހާގެ މަޢުލޫމާތު އާއްމުކޮށް ހޯދުމުގެ މަސައްކަތް ފަށާފައެވެ. އޭނާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓެކެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ ރަމީޒް ކަނޑުމައްޗަށް ނިކުމެފައިވާ ކަމަށް ލަފާކުރެވޭ ކަމަށް އޭނާގެ އާއިލާއިން ބުނާކަމަށެވެ. އެއީ ރަމީޒްގެ ބައްޕައަކީ ޑިންގީއަކާއި ކެނޯއެއް ގެންގުޅޭ މީހެއްކަމަށާއި، އޭނާގެ ޑިންގީ ކައިރީގައި އަޅާފައި އޮތް ކެނޯވެސް ގެއްލިފައިވާތީ ކަމަށް އައިލާއިން ބުނެއެވެ.
ރަމީޒް ވަޒީފާ އަދާކުރަމުން ދިޔައީ ދެކުނުގެ ރަށެއްގެ ފެނަކަ އޮފީހުގައި ކަމަށް މަޢުލޫމާތު ލިބެއެވެ. އޭނާ ރަށަށް އައިސްފައިވަނީ ވަޒީފާގައި މައްސަލައެއް ޖެހި، ވަޒީފާއިން ކެނޑިގެންކަމަށްވެސް މަޢުލޫމާތު ލިބެއެވެ. ރަމީޒް ރަށަށް އައިސްފައިވަނި މީގެ ތިން ހަތަރު ދުވަސް ކުރިންނެވެ.