ޙައްޖު ދުވަހަކީ ޙައްޖު މަހުގެ 9ވަނަ ދުވަހެވެ. ޙައްޖުގެ އަޅުކަމަކީ އިސްލާމްދީނުގެ 5ވަނަ ރުކުނެވެ. ހައްޖަކީ ކުޅަދާނަވެގެންވާ ކޮންމެ މުސްލިމަކު އުމުރުން އެއް ފަހަރު އަދާކުރުން ވާޖިބު އަޅުކަމެކެވެ.
މިއީ އިސްލާމީ އުއްމަތް އެއް ބިމަކަށް ޖަމާވެ އަޅުކަމުގައި ހޭދަކުރާ އެންމެ ބޮޑު ޖަމާޢަތެވެ. އެތައް މިލިއަން މުސްލިމުން އަރާފާތު ބިމަށް ޖަމާވެ، ދުޢާކުރުމާއި ތަކުބީރުކުރުމާއި އަޅުކަމުގައި ހޭދަކުރާ އެންމެ މާތް ދުވަހެވެ. މުސްލިމް އުއްމަތައް އަންނަ އެންމެ މާތް ދުވަހެވެ. އެއީ ދަރުމަޔާއި ސަވާބުން ފުރިގެންވާ ދުވަހެވެ. އަރަފާތު ދުވަހު ރޯދަ ހިފާ މީހާގެ ރޯދަ، ފާއިތުވި އަހަރާއި އަންނަން އޮތް އަހަރުގެ ކައްފާރާއެއްގެ ގޮތުގައި ވެއެވެ.
އަރަފާތު ދުވަސް ހަނދާންކޮށްދެނީ ރަސޫލާ ޞައްލަﷲ އަލައި ވަސައްލަމްގެ ޙައްޖަތުލް ވަދާޢުއެވެ. ޚުތްބަތުލް ވަދާއުގައި، މުސްލިމް ޢުއްމަތަށް އެތައް ނަސޭހަތެއް ދޫކުރެއްވިއެވެ.
ކީރިތި ޤުރުޢާނުގެ އަލް މާއިދާ ސޫރަތުގެ 3ވަނަ އާޔަތްވެސް ބާވައިލެއްވުނީ މާތްވެގެންދާ ޙައްޖު ދުވަހު، އެ މާތް ބިމުގައެވެ. މި އާޔަތުގެ މާނައިގައިވެއެވެ. "މިއަދު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ދީން ފުރިހަމަ ކޮށްދެއްވައި ތިމަރަސްކަލާނގެ ނިޢުމަތް ފުރިހަމަކޮށްދެއްވައިފީމެވެ. އިސްލާމް ދީނަކީ ތިޔަބައިމީހުން ދިރިއުޅުމަށް ތިމަންރަސްކަލާނގެ ރުއްސަވާ ދީންކަމުގައި ލައްވައިފީމެވެ."
މި އާޔަތް ބާއްވައިލެއްވުނީ ރަސޫލާ ޞައްލަﷲ އަލައި ވަސައްލަމް، މާތްވެގެންވާ އަރަފާތު ބިމުގައި ހުންވަނިކޮށެވެ. އަދި މިއާޔަތްވެސް ބާވައިލެއްވުނީ، ޙައްޖު ހުކުރު ދުވަހެއްގައެވެ. މިއަހަރުގެވެސް ޙައްޖު ދުވަސް ފާހަގަކުރަނީ މުސްލިމުންގެ ޢީދު، ހުކުރު ދުވަހުއެވެ.
ކޯވިޑްގެ ޙާލަތާއި ގުޅިގެން ޙައްޖުގެ އަޅުކަމަށް ދެވޭ މީހުންގެ އަދަދު ސަޢުދީ ސަރުކާރުން ވަރަށް ބޮޑަށް މަދުކޮށްފައި އޮތުމަަށްފަހު، މި އަހަރު އަނެއްކާވެސް މި ފުރުޞަތު ހުޅުވާލިއެވެ. އެގޮތުން ޙައްޖުގެ އަޅުކަމަށް އެތައް މިލިއަން މުސްލިމުންނެއްވަނީ އަރަފާތު ބިމަށް ޖަމާވެފައެވެ.
ޙައްޖުގެ އަޅުކަމުގައި މިއަހަރު 453 ދިވެހިން ބައިވެރިވެއެވެ.