ޚަބަރު

ރާމް ގޯޕާލުގެ ބިރުވެރި ފިލްމަކުން އަމީތާބު


ހިންދީ ސިނަމާގައި ގިނަ އައިކޯނިކް ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާ ބިރުވެރި ފިލްމެއް ގެނެސްދޭން ތައްޔާރުވެއްޖެއެވެ.

"ސަރުކާރު"، "ޝިވާ"، "ސަތްޔާ" "ބޫތު" އަދި "ރަންގީލާ" ފަދަ ފިލްމުތައް ގެނެސްދީފައިވާ ރާމް ގޯޕާލްގެ މި ފަހަރުގެ ފިލްމުގައި ފެންނާނީ ބޮލީވުޑް މެގާސްޓާ އަމީތާން ބައްޗަންކަމުގައި އޭނާ ވަނީ ބުނެފައެވެ.

އަމީތާބާއިއެކު ރާމް ގޯޕާލް ވަނީ މީގެކުރިންވެސް މަސައްކަތްކޮށްފައެވެ. ރާމް ގޯޕާލްގެ "ސަރުކާރު"، "ސަރުކާރު ރާޖް"، "ސަރުކާރު 3"، "އާގް" އަދި "ރަން" ގައިވެސް އަމީތާބު ވަނީ މަސައްކަތްކޮށްފައެވެ. މި ދެ މީހުން އެކުގައި އެންމެ ފަހުން މަސައްކަތްކުރި ފިލްމަކީ "ސަރުކާރު 3" އެވެ.

އޭގެ 5 އަހަރު ފަހުން އަނެއްކާވެސް އަމީތާބާއިއެކު ރާމް ގޯޕާލް މަސައްކަތްކުރަން ތައްޔާރު ވަނީ ހޮރާ ފިލްމެއްގައެވެ. ރާމް ގޯޕާލް ވަނީ މީގެކުރިންވެސް ކާމިޔާބު ބިރުވެރި ފިލްމުތަކެއް ބެލުންތެރިންނަށް ދޫކޮށްލާފައެވެ. "ރާތު"، "ބޫތް"، "ބޫތް ރިޓާންސް"، "ޑަރްނާ މަނާ ހޭ" އަދި "ވާސްތޫ ޝަޝްތުރާ" އަކީ ރާމް ގޯޕާލްގެ ހޮރާ ފިލްމުތަކެވެ.

ރާމް ގޯޕާލް މިހާރު ކުރަމުންދަނީ އޭނާގެ ކުރިއަށްއޮތް ފިލްމު "ލަޅްކީ:އެންޓާ ދަ ގާލް ޑްރެގަން" ސިނަމާތަކަށް ގެނައުމުގެ މަސައްކަތެވެ. މި ފިލްމު ސިނަމާތަކުގައި އަޅުވާނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

ނަމަވެސް މި ތާރީޚުގައި މި ފިލްމު އަޅުވާނަމަ ތާޕްސީ ޕަންނޫ ކްރިކެޓް ކުޅޭ މީހެއްގެ ރޯލުން ފެންނަ "ޝަބާޝް މީތޫ" އަދި ރާޖް ކުމާރު ލީޑްރޯލުން ފެންނަ ތެލުގޫ ފިލްމު "ހިޓް:ދަ ފަސްޓް ކޭސް" ގެ ހިންދީ ރީމޭކާއި ރާމް ގޯޕާލްގެ މި ފިލްމު ކްލޭޝް ވާނެއެވެ.

އަމީތާބުގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި އަޔާން މުކަރްޖީގެ މާސްޓާޕީސް "ބްރަމަސްތްރާ"، ނާގް އަޝްވިނީގެ ސައިންސް ފިކްޝަން ފިލްމު "ޕްރޮޖެކްޓް ކޭ" އަދި ސޫރަޖް ބާތިޔާގެ "އޫންޗާއި" އާއި "ގުޑްބާއި" ވެސް ހިމެނެއެވެ.