ވިޔަފާރި

ޖޫންމަހު މީރާއަށް 2.32 ބިލިއަން ރުފިޔާގެ އާމްދަނީއެއް


މިއަހަރުގެ ޖޫން މަހު މީރާއަށް 2.32 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް އެއިދާރާއިން ހާމަކޮށްފިއެވެ. މިއީ ޖޫންމަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %74.1 އިތުރު އަދަދެއްކަމަށްވެސް މީރާއިން ބުނެއެވެ.

މީރާއަށް ޖޫންމަހު 2.32 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު މިއީ 2021 ވަނަ އަހަރުގެ ޖޫންމަހު ލިބުނު އާމްދަނީއަށްވުރެ %95.1 އިތުރު އަދަދެކެވެ. މިދިޔަ ޖޫން މަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 81.45 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މިދިޔަ ޖޫންމަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސްއެވެ. އެއީ 846.62 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީންނެވެ. އެއީ 607.18 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 418.56 މިލިއަން ރުފިޔާ، ލޭންޑް އެކިއުޒިޝަން އެންޑް ކޮންވަރޝަން ފީގެ ގޮތުގައި 154.57 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 70.83 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 222.54 މިލިއަން ރުފިޔާ (%9.6) ލިބިފައިވެއެވެ.

މީރާއިން ބުނީ ޖޫން 2021 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ޖޫން 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ބޭންކްތަކުން އަދި ވިޔަފާރިތަކުން އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. އަދި މިދިޔަ އަހަރުގެ ޖޫންމަހު އައިސްފައިވާ ޓެކްސް ސުންގަޑިތައް ރަސްމީ ބަންދު ދުވަސްތަކާއި ދިމާވުމުގެ ސަބަބުން ފަސްކުރަންޖެހުމާއި، ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު އިތުރުވެފައިވުމެވެ. މީގެ ސަބަބުން ޓީ.ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައެވެ.