ޚަބަރު

ޖޮންސަންގެ އިސްތިޢުފާ: ދެން ވެރިކަމާ ހަވާލުވެވަޑައިގަންނަވާނީ ކޮން ބޭފުޅެއް؟


ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުއްވަމުން ގެންދެވި 50އަށްވުރެ ގިނަ އޮފިޝަލުން އިސްތިޢުފާ ދެއްވުމާ ގުޅިގެން އިނގިރޭސި ބޮޑުވަޒީރަށް މި ވަނީ ސަރުކާރު ހިންގުމަށް ނުކުޅެދިފައެވެ. އަދި، އޭނާ ވަނީ ބޮޑުވަޒީރުގެ މަޤާމުގެ އިތުރުން އޭނާގެ ކޮންޒަރވެޓިވް ޕާޓީގެ ލީޑަރުގެ މަޤާމުން ވެސް އިސްތިޢުފާ ދެއްވަން ނިންމަވައި، އެ ކަން އިޢުލާނު ކުރައްވާފައެވެ.

މިހާރު އުފެދިފައިވާ ސުވާލަކީ، ޖޮންސަނަށް ފަހު ބޮޑުވަޒީރުގެ މަޤާމާ ދެން ހަވާލުވެ ވަޑައިގަންނަވާނީ ކޮން ބޭފުޅެއްތޯއެވެ؟ މިއީ، ޖޮންސަނަށް ފަހު އިނގިރޭސި ވިލާތުގެ ސަރުކާރު ހިންގުމުގެ ހުންގާނުގައި ދެން ހިއްޕަވާނެ ކަމަށް ބެލެވޭ ބައެއް ބޭފުޅުންގެ ނަންތަކާއި، ކުރު ވަނަވަރެކެވެ.

ލިޒް ޓްރަސް

ޚާރިޖީ ވަޒީރުގެ މަޤާމު ފުރުއްވާ ލިޒް ޓްރަސްއަކީ ކޮންޒަރވެޓިވް ޕާޓީގެ މެންބަރުންގެ މެދުގައި ވަރަށް މަޤުބޫލު ބޭފުޅެކެވެ. ޕާޓީގެ މެންބަރުންގެ މެދުގައި ނަގާ ތަފާތު އެކި ވޯޓުތަކުގައި ކުރި ހޯއްދަވާ ބޭފުޅެކެވެ. ޖޮންސަންގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރު ޓްރަސް ހޭދަ ކުރެއްވީ ބައިނަލްއަޤްވާމީ ވިޔަފާރިއާ ބެހޭ ވަޒީރު ކަމުގެ މަޤާމުގައެވެ.

މިދިޔަ އަހަރު އޭނާ ވަނީ ވިލާތުގެ އިއްތިހާދު (އީ.ޔޫ)އާ އިނގިރޭސި ވިލާތާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތަކުގައި އެންމެ އިސް މަންދޫބުގެ މަޤާމު ވެސް ފުރުއްވާފައެވެ. އަދި، އިނގިރޭސި ވިލާތުން އީ.ޔޫ.އިން ވަކިވުމަށް ކުރި މަސައްކަތުގައި ޓްރަސް މުހިންމު ދައުރެއް އަދާ ކުރެއްވިއެވެ.

ޖެރެމީ ހަންޓް

2019 ވަނަ އަހަރު ބޭއްވި ކޮންޒަރވެޓިވް ޕާޓީގެ ލީޑަރުގެ އިންތިޚާބު ޖޮންސަން ކާމިޔާބު ކުރެއްވީ ޖެރެމީ ހަންޓާ ވާދަކުރައްވައެވެ. 55 އަހަރުގެ ހަންޓް ކުރިން ވަނީ ޚާރިޖީ ވަޒީރާއި ޞިއްޙަތާ ބެހޭ ވަޒީރު ކަމުގެ މަޤާމު ފުރުއްވާފައެވެ. ފާއިތުވި ދެ އަހަރުގެ ތެރޭގައި އޭނާ ވަނީ ޤާނޫނު ހަދާ މަޖިލީހުގައި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

އޭނާއަކީ ބްރެކްސިޓާ ދެކޮޅު ބޭފުޅެކެވެ. އަދި، ޖޮންސަންގެ ސަރުކާރުގައި އެއްވެސް އިސް މަޤާމެއް ފުރުއްވާފައެއް ނުވެއެވެ. އެހެންކަމުން، ޖޮންސަނަށް ކުރިމަތިވެ ވަޑައިގެންނެވި ކަންތައްތަކުން ހަންޓަށް އެއްވެސް ވަރަކަށް ހިޔަނި އެޅިފައި ވާ ކަމަށް ޤަބޫލެއް ނުކުރެވެއެވެ.

ބެން ވޮލެސް

52 އަހަރުގެ ބެން ވޮލެސްއަކީ ކޮންޒަރވެޓިވް ޕާޓީގެ އެންމެ މަޤުބޫލު އެއް މެންބަރު ކަމުގައި ދެންނެވިދާނެއެވެ. ރަޝިޔާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ދިފާޢީ ވަޒީރުގެ ހައިސިއްޔަތުން ވޮލެސް ގެންދަ ވަނީ މުހިއްމު މަސައްކަތްޕުޅު ތަކެއް ކުރައްވަމުންނެވެ.

އޭނާ ކުރިން ވަނީ އިނގިރޭސި ވިލާތުގެ އަސްކަރިއްޔާގައި ވެސް ޚިދުމަތް ކުރައްވާފައެވެ. އަދި، އޭނާ އިސްވެ ހުންނަވައި ހިންގެވި އަސްކަރީ އޮޕަރޭޝަނެއްގައި، އައިރިޝް ރިޕަބްލިކަން އާމީއިން 1992 ވަނަ އަހަރު ދޭން އުޅުނު ނުރައްކާތެރި ބޮމުގެ ހަމަލާއެއް ނާކާމިޔާބު ކޮށްލިއެވެ.

އަފްޣާނިސްތާނުގައި ތިބި އިނގިރޭސި ސިފައިން އެ ޤައުމުން ފޭބުމުގައި ވެސް ވޮލެސް ވަނީ އިސް ދައުރެއް އަދާ ކުރައްވާފައެވެ. 2016 ވަނަ އަހަރުން ފެށިގެން ސަލާމަތީ ކަންކަމާ ބެހޭ ވަޒީރުގެ މަޤާމު ފުރުއްވާފައިވާ ވޮލެސްއަކީ، ސަލާމަތީ އަދި ދިފާޢީ ކަންކަމުގައި މާހިރެކެވެ.

ރިޝީ ސުނާކް

ޖޮންސަންގެ ސަރުކާރުގައި އެންމެ ބާރުގަދަ އަދި އެންމެ ނުފޫޒު ގަދަ އެއް މަޤާމު ކަމުގައިވާ މާލީ ވަޒީރުގެ މަޤާމު ފުރުއްވާފައި ވަނީ ރިޝީ ސުނާކެވެ. އެ މަޤާމުގައި ހުންނަވައިގެން ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ސުނާކު ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.

އަދި، މާލީ ގޮތުން ހާލުގައި ޖެހުނު ކުންފުނިތަކަށް އެހީވުމަށް އޭނާ އިސްވެ ހުންނަވައި ތަޢާރުފު ކުރެއްވި ސްޓިމިއުލަސް ޕެކޭޖުތަކަށް ގިނަ ބަޔެއްގެ ތަރުޙީބު ލިބުނެވެ. ނަމަވެސް، ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވުމުގެ ސަބަބުން އޭނާއަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އޭނާއަކީ ބްރެކްސިޓަށް ތަޢީދު ކުރައްވާ ބޭފުޅެކެވެ.

ސާޖިދު ޖާވިދު

ސާޖިދު ޖާވިދަކީ ޕާކިސްތާނުން ހިޖުރަކުރި ދެމަފިރިއެއްގެ ދަރިއެކެވެ. ޖޮންސަންގެ ސަރުކާރަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ "ކާރިސާ"ގެ ފެށުމަކީ ޖާވިދު ޞިއްޙަތާ ބެހޭ ވަޒީރުކަމުގެ މަޤާމުން އިސްތިޢުފާ ދެއްވުމެވެ. ބޭންކިންގެ ދާއިރާގައި ކުރިން މަސައްކަތް ކުރައްވާފައިވާ ޖާވިދު، ޖޮންސަންގެ ސަރުކާރުގައި އެތައް ވުޒާރާއެއްގައި މަސައްކަތް ކުރެއްވިއެވެ.
މި ގޮތުން، ޖޮންސަންގެ ސަރުކާރުގެ މާލީ ވަޒީރު ކަމުގެ މަޤާމުން އޭނާ ވަކިވެވަޑައިގަތީ 2020 ވަނަ އަހަރުއެވެ. އީ.ޔޫ.އިން ވަކިވުމަކީ އޭނާ ދެކޮޅު ހެއްދެވި ކަމެކެވެ.

ނަދީމް ޒަހާވީ

ޖޮންސަންގެ މާލީ ވަޒީރު ކަމުގެ މަޤާމުން ޖާވިދު އިސްތުޢުފާ ދެއްވުމުން އެ މަޤާމަށް ޖޮންސަން ޢައްޔަން ކުރައްވާފައި ވަނީ ނަދީމް ޒަހާވީއެވެ. އޭނާއަކީ، ވެކްސިނާ ބެހޭ ވަޒީރުގެ ހައިސިއްޔަތުން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި، އިނގިރޭސި ވިލާތުގެ އާބާދީގެ ބޮޑު އިންސައްތައެއް ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކުރުމުގައި އޭނާގެ ދައުރު ވަރަށް ފުޅަލެވެ.

އޭނާއަކީ އިރާޤުން އިނގިރޭސި ވިލާތަށް ހިޖުރަކުރި ރެފިޔުޖީ ޢާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ. މާލީ ވުޒާރާއާ ހަވާލުވެވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ ތަޢުލީމާ ބެހޭ ވަޒީރުގެ މަޤާމުގައެވެ.

ޕެނީ މޯރޑޯންޓް

ޖޮންސަން ބޮޑުވަޒީރުގެ މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޕެނީ މޯރޑޯންޓް ހުންނެވީ ދިފާޢީ ވަޒީރު ކަމުގެ މަޤާމުގައެވެ. އޭނާއަކީ ޖޮންސަންގެ ވާދަވެރިޔާ ހަންޓަށް ތާޢީދު ކުރެއްވި ބޭފުޅެކެވެ. އަދި، ޖޮންސަނަށް އިންތިޚާބު ކާމިޔާބު ވުމާއެކު އޭނާ ވަނީ މޯރޑޯންޓް ދިފާޢީ ވަޒީރުގެ މަޤާމުން ވަކި ކުރައްވާފައެވެ.

ނަމަވެސް، އޭނާ ފަހުން އޭނާ ވަނީ ވިޔަފާރިއާ ބެހޭ ވުޒާރާގެ ޖޫނިއަރ މިނިސްޓަރެއްގެ މަޤާމަށް ޢައްޔަންކޮށްފައެވެ. އަދި ފަހުން އޭނާ ވަނީ ޖޮންސަނަށް ތާޢީދު ކުރައްވާ ކަން ހާމަ ކުރައްވާފައެވެ.

ޓޮމް ޓުގެންހަތު

ޓޮމް ޓުގެންހަތަކީ އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ ޚާރިޖީ ކަންކަމާ ބެހޭ ކޮމިޓީގެ މުޤައްރިރެވެ. އޭނާއަކީ، އިނގިރޭސި ވިލާތުގެ އަސްކަރިއްޔާގައި ޚިދުމަތް ކުރައްވާފައިވާ، އަފްޣާނިސްތާނާއި އިރާޤުގައި ކުރި ހަނގުރާމައިގައި ބައިވެރިވެފައިވާ މީހެކެވެ. ކުރިން ވެސް ޓުގެންހަތު ވަނީ، ބޮޑުވަޒީރުގެ މަޤާމަށް ޝައުޤުވެރި ކަން ފާޅު ކުރައްވާފައެވެ.

ޓުގެންހަތަކީ ޖޮންސަނާ ވަރަށް ދެކޮޅު ބޭފުޅެކެވެ. އަދި، ޖޮންސަނަށް ވަރަށް ގިނައިން ފާޑު ވިދާޅުވާ ބޭފުޅެކެވެ. ނަމަވެސް، މީގެ ކުރިން ކެބިނެޓުގެ އެއްވެސް ދައުރެއް އަދާ ކުރައްވާފައި ނުވާތީ، އޭނާއަށް ބޮޑުވަޒީރު ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާ ކުރެވިދާނެ ކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

ސުއެލާ ބްރޭވްމަން

ސުއެލާ ބްރޭވްމަނަކީ އިނގިރޭސި ވިލާތުގެ ބަންޑާރަ ނައިބުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ވެސް ކުރިން ވަނީ ބޮޑުވަޒީރުގެ މަޤާމަށް ޝައުޤުވެރި ކަން ފާޅު ކުރައްވާފައެވެ. މީގެ ކުރިން އޭނާ ފުރުއްވާފައިވާ ބައެއް މަޤާމުތަކުގެ ތެރޭގައި ބްރެކްސިޓާ ބެހޭ ވުޒާރާގެ ޖޫނިއަރ މިނިސްޓަރުގެ މަޤާމު ހިމެނެއެވެ. ނަމަވެސް، އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ތެރޭސާ މޭގެ ސަރުކާރުން އޭނާ އިސްތިޢުފާ ދެއްވާފައި ވަނީ، ބްރެކްސިޓާ ދެކޮޅަށް އަޑު އުފުއްލެވުމަށް ފަހުއެވެ.