އިންޓަރނޭޝަނަލް ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތަށް ހުރަސް އަޅައި، ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލްގެ ބަންދަށް އިތުރު 30 ދުވަހުގެ މުއްދަތެއް ކޯޓުން ދީފިއެވެ.
މިދިޔަމަހުގެ 21 ވަނަ ދުވަހު ހިނގި ހަމަނުޖެހުމާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހަރަކާތު ކޮމިޓީގެ މުގައްރިރު އަދި ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހައްޔަރުކުރީ މިމަހުގެ 22 ވަނަ ދުވަހުއެވެ.
އޭނާގެ ބަންދަށް މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ފަހަރު ކޯޓުން ދީފައިވަނީ 5 ދުވަހުގެ ބަންދުގެ މުއްދަތެކެވެ. އަދި އެ މުއްދަތު ހަމަވުމުން ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަމަހުގެ 28 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުން ވަނީ އިތުރު 9 ދުވަސް ދީފައެވެ. އަދި އެ މުއްދަތު ހަމަވެގެން ކޯޓަށް ގެންދިއުމުން މިއަދު ވަނީ އިތުރު 30 ދުވަހުގެ މުއްދަތެއް ދީފައެވެ.
ޔޯގާ ހަރަކާތަށް ހުރަސް އަޅައި، ހަމަނުޖެހުން ހިންގުމުގައި މުހައްމަދުގެ ދައުރެއް އޮތްކަމަށް ފުލުހުން ތުހުމަތުކުރާއިރު، އެ ދުވަހު ބޯޅަ ދަނޑު ސަރަހައްދަށް އެއްވި މީހުން ބޭނުންކުރި ބައެއް ތަކެތި ފޯރުކޮށްދިނީ އޭނާކަމަށް ފެންނަ ފޮޓޯތަކެއް ވަނީ އާއްމުވެފައެވެ.
މުހައްމަދު އިސްމާއީލްގެ އިތުރުން މިމައްސަލައިގައި ވަނީ އިތުރު ބަޔަކުވެސް ހައްޔަރުކޮށްފައެވެ.