ޚަބަރު

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ދީބާނާޒްއާއި ސަލީމް


ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް މ.ގުލްޝަން، އަލްއުސްތާޛާ ދީބާނާޒް ފަހުމީ އާއި ފ.ބިލެތްދޫ، މޯނިންގްވިލާ، އަލްއުސްތާޛު މުޙައްމަދު ސަލީމް ޢައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ނިންމައިފިއެވެ.


ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ދީބާނާޒްއާއި ސަލީމް އައްޔަންކުރުމަށް ނިންމީ ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކޮށްފައިވާ އިޢުލާނުގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކާ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހުކަމަށެވެ.


އަލްއުސްތާޛާ ދީބާނާޒް ފަހުމީއަކީ ޤާނޫނީ ރޮނގުން ބެޗްލަރ އޮފް ލޯ (އޮނަރސް) މެލޭޝިއާ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ހާސިލް ކުރެއްވުމަށްފަހު، މާސްޓަރ އޮފް ލޯ ނިއުޒިލެންޑްގެ ޔުނިވަރސިޓީ އޮފް ކެންޓަރބަރީއިން ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އެބޭފުޅާއަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ 17 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. އަދި އޭނާ ގެންދަވަނީ ސެޕްޓެންބަރު 2 އިން ފެށިގެން ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަޤާމް އަދާކުރައްވަމުންނެވެ.


އަލްއުސްތާޛު މުޙައްމަދު ސަލީމް ވަނީ ކުއްލިޔަތުއް ދިރާސަތިލް އިސްލާމިއްޔާއިން ބެޗްލާރސް ޑިގްރީ ޙާޞިލްކުރައްވާފައެވެ. އަދި އަލްއުސްތާޛު މުޙައްމަދު ސަލީމް އަކީ ހައިކޯޓުގެ ލީގަލް އޮފިސަރގެ މަޤާމުގައި 12 އަހަރު ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. 


ޖޭއެސްސީން ވިދާޅުވީ އަލަށް އައްޔަނުކުރުމަށް ނިންމާފައިވާ ދެ ފަނޑިޔާރުން ހުވާ ކުރުމަށް ހަމަޖެހިފައި ވަނީ އޮގަސްޓްމަހުގެ 9 ވަނަ ދުވަހުކަމަށެވެ.