ދުނިޔެ

ރެފިއުޖީންނާއިމެދު އަމަލުކުރަމުންދާ ގޮތަށް ފާޑުވިދާޅުވެއްޖެ


ވިލާތަށް ހިޖުރަކުރަމުންދާ މީހުންނާއިމެދު އަމަލުކުރަމުންދާ ގޮތަށް ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތާއިބެހޭ ވެރިޔާ ފްރެޑެރިކާ މޮޣެރީނީ ފާޑުވިދާޅުވެއްޖެއެވެ. މޮޣެރީނީ ވިދާޅުވީ ވިލާތަށް މީހުން އެތެރެވުމުގައި އެތަށް މައްސަލަތަކެއް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ޓެރަރިޒަމް ހިމެނޭކަމަށެވެ. ނަމަވެސް، ހިޖުރަކުރާ މީހުންގެ މައްސަލައަކީ އެންމެ ފުރަތަމަ އިންސާނީ މައްސަލައެއް ކަމަށާއި ހިޖުރަކުރާ މީހުންނަށް ވަކިވަކި ގޮތްތަކެއް ކަނޑައެޅުމަކީ އިންސާފެއް ނޫންކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި، މި މައްސަލައަށް އެކަށީގެންވާ ހައްލެއް ފޯރުކޮށްދިނުމަށް ވިލާތުގެ ޤައުމުތަކަށް ބޭނުންވާ ވަސީލަތްތައް އެބަހުރި ކަމަށާއި ބޭނުންވަނީ މައްސަލަ ހައްލުކުރުމަށް ހުރިހާ ޤައުމުތަކުން އެއް ބަހެއް ކިޔުން ކަމަށްވެސް މޮޣެރީނީ ވިދާޅުވިއެވެ. މެދުއިރުމައްޗާއި އެފްރިކާގެ ޤައުމުތަކުން ހިޖުރަކުރާ މީހުންގެ ތެރެއިން ގިނަ ބަޔަކަށް ދާއިމީ ހިމާޔަތް ދީފައިވަނީ ވިލާތުގެ ޤައުމުތަކުން ނޫންކަމަށް ފާހަގަކުރައްވައި، މޮޣެރީނީ ވަނީ ވިލާތުގެ ގިނަ ޤައުމުތަކަށް ފާޑުވިދާޅުވެފައެވެ. އަދި، ވިލާތުގެ ޤައުމުތަކުން، ހިޖުރަކުރާ މީހުންނަށް ހިމާޔަތްދޭނެކަމަށް ވެފައިވާ ވައުދު ފުއްދުމަށްވެސް އޭނާ ގޮވާލައްވާފައިވެއެވެ.