ވިޔަފާރި

އޭރު އެޅި ފިޔަވަޅުތަކުންވެސް ނަތީޖާ ނެރެވުނު، ދެން އަޅާ ފިޔަވަޅުވެސް ކާމިޔާބުވާނެ


ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކާއި ގުޅިގެން ސަރުކާރުން ވަނީ ރާއްޖޭގެ އިޤްތިޞާދު ހިފެހެއްޓުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން އަމްދަނީ އިތުރުކޮށް ހަރަދުކުޑަކުރުމަށް ސަރުކާރުން ދަނީ ފިޔަވަޅުތައް އަޅުއްވަމުންނެވެ. ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ތެރޭގައި އާންމު ރައްޔިތުންނަށް އުނދަގޫނުވާނެފަދަ ގޮތްތަކަށް ފިޔަވަޅުތައް އެޅުމަށް ދަނީ ބައްލަވަމުންނެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައި އިޤްތިޞާދު އާރާސްތުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ވަޒީފާތަކުން މީހުން ވަކިކުރުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ. އެކަމާއި ގުޅިގެން ބައެއް ޤައުމުތަކުގައި އުޅޭ މީހުން މަގުމަތިވާންޖެހޭ ފަދަ ދަތި ހާލަތަށްވެސް ވަނީ ގޮސްފައެވެ. ނަމަވެސް ދިވެހި ސަރުކާރުން ބޭނުންވަނީ ވަޒީފާތަކުން މީހުން ވަކިނުކޮށް ޙަރަދުކުޑަކޮށްގެން، ދައުލަތަށް އާމްދަނީ އިތުރުކުރެވޭނެ އިތުރު ގޮތްތައް ހޯދައިގެން ކުރިއަށްދިއުމެވެ. ސަރުކާރުން ބޭނުންނަމަ ސަރުކާރު މުވައްޒަފުންގެ މުސާރައާއި ރައްޔިތުންނަށް ފޯރުކޮށްދޭ އެކި ސަބްސިޑީތައް ކަނޑާލައިގެން ވަރަށް ފަސޭހައިން ދައުލަތުގެ ހަރަދުތައް ހަމަޖެއްސޭނެއެވެ. ނަމަވެސް އޭގެބަދަލުގައި ސަރުކާރުން ފިޔަވަޅު އަޅުއްވަމުން ގެންދަވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްގެން، ވިޔަފާރިތައް އިނދަ ނުޖެހޭނެފަދަ ފިޔަވަޅުތަކެއް އެޅުމަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ. ދުނިޔޭގެ އެހެން ބައެއް ޤައުމުތައް ބަނޑަށް ޖެހުނުއިރުވެސް، ރާއްޖެއަށް އެފަދަ ހިތްދަތި ގޮތެއް މެދުވެރިނުވީ ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުންކަން އެއީ އިޤްތިޞާދީ ތަޖުރިބާކާރުންވެސް އެއްބަސްވެވަޑައިގަންނަވާ ކަމެކެެވެ.

ކޯވިޑަށްފަހު އިޤްތިޞާދު ހަަމައަކަށް އެޅުމުންދަނިކޮށް، ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އަނެއްކާވެސް މިވަނީ އިޤްތިޞާދީ ގޮތުން ދަތިތަކެއް ކުރިމަތިވެފައެވެ. މި ހާލަތުގައި ފިޔަވަޅެއް ނާޅާއިފިނަމަ ކުރިއަށް އޮތް ދުވަސްތަކުގައި ކުރިމަތިވާނޭ ދަތިތައް އިތުރުވާނޭކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން މިވަނީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށް، ހަރަދުތައް ކުޑަކުރުމަށް ޕްލޭންތަކެއް އެކަށައަޅުއްވާފައެވެ. މިގޮތުން ސަރުކާރުން މިހާރު ނިންމާފައިވަނީ ފަތުރުވެރިންގެ އަތުން ނަގާ ޓީޖީއެސްޓީއާއި އާއްމު މުދަލުން ނަގާ ޖީއެސްޓީ ބޮޑުކުރުމަށެވެ.

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށް، ހަރަދުތައް ކުޑަކުރުމަށް އެޅޭނެ ފިޔަވަޅުތަކެއް ހުންނައިރު، ބައެއް ޤައުމުތަކުން އަޅާ ފިޔަވަޅުތަކަކީ ރައްޔިތުންނަށް އެކަމުގެ ސަބަބުން ބޮޑެތި ތަކުލީފުތައް ކުރިމަތިވާ ކަންކަމެވެ. މިގޮތުން މުސާރަތައް ކުޑަކުރުމާއި، ތެލާއި ކާބޯތަކެއްޗަށް ދޭ ސަބްސިޑީ ކަނޑާލުން ހިމެނެއެވެ. ނަމަވެސް އައިއެމްއެފްއާއި ދުނިޔޭގެ އެހެން މާލީ އިދާރާތަކުންވެސް ޤަބޫލުކުރާ ގޮތުގައި ވަޒީފާއިން މީހުން ވަކިކޮށް މުސާރަ ކުޑަކޮށް، ޕްރޮޖެކްޓްތައް ހުއްޓާލުމަށްވުރެ އެންމެ އެންމެ ރަނގަޅުގޮތަކީ ޓެކްސް ބޮޑުކުރުމެވެ. އައިއެފްއެމް ފަދަ އިދާރާތަކުން ޓެކްސް ބޮޑުކުރުމަށް ލަފާ ދޭނީ އެއީ މިވަގުތަށް އިޤްތިޞާދަށް އެންމެ ރަނގަޅު ގޮތްކަމަށްވާތީއެވެ.

ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، ސަރުކާރުން އާއްމު ރައްޔިތުންގެ އަތުން ނަގާ ޓެކްސްގެ ރޭޓްތަކަށް މާބޮޑު ބަދަލެއް ނުގެންނާނެއެވެ. އެގޮތުން ޓީޖީއެސްޓީ ބޮޑުކުރާނީ 12 އިންސައްތައިން 16 އިންސައްތައަށެެވެ. އަދި ޖީއެސްޓީ ބޮޑުކުރާނީ 6 އިންސައްތައިން 8 އިންސައްތައަށެވެ. މީގެތެރެއިން ޓީޖީއެސްޓީއަކީ އާއްމު ރައްޔިތުންނަށް އަތުން ނަގާ ޓެކްސްއެއް ނޫނެވެ. އެއީ ހަމައެކަނި ފަތުރުވެރިންގެ އަތުން ނަގާ ޓެކްސްއެކެވެ. ޖީއެސްޓީއަށް 2 ޕަސަންޓް އިތުރުކުރަން ނިންމާފައިވާއިރު، މި ބަދަލާއިއެކު މިހާރު 106 ރުފިޔާއަށް ލިބޭ އެއްޗެއް ދެން ލިބޭނީ 108 ރުފިޔާއަށެވެ. އެހެންކަމުން ތަކެތީގެ އަގު މާބޮޑަށް އުފުލިގެންނުދާނެއެވެ. ރާއްޖޭގައި 8 ޕަސަންޓުގެ ޖީއެސްޓީއެއް ނަގާއިރު، ރާއްޖެއާއި އެއް ފަންތީގެ ޤައުމުތަކުގައި ޓެކްސްގެ ގޮތުގައި ރައްޔިތުންގެ އަތުން 10 އިންސައްތައާއި 15 އިންސައްތައިގެ ޓެކްސްއެއް ނަގައެވެ. އެހެންކަމުން ސަރުކާރުން ގެންނަ ބަދަލާއެކު އެހެން ޤައުމުތަކާއި އަޅާބަލާއިރު ރާއްޖޭގައި އަދިވެސް ޓެކްސް ރޭޓްތައް ހުރީ ނިސްބަތުން ދަށުގައެވެ.

ޓެކްސް ބޮޑުކުރަންޖެހޭ ސަބަބުތަކަށް ބަލާއިރު، އެންމެ މުހިއްމު ކަމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ތަދުމަޑުކަމާއެކު އެއް ޤައުމުން އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދޭން ދަތިތައް ހުރިއިރު، އެ ޤަޢުމެއްގެ ކަންކަން އަމިއްލައަށް މެނޭޖްކުރުން ނޫން ގޮތެއް މިވަގުތު ނެތްކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެހެންކަމުން ޓެކްސް ބޮޑުކޮށްގެންނަމަވެސް ދައުލަތަށް ލިބޭ އާމްދަނީ ދެމެހެއްޓެނިވި ގޮތެއްގައި ހިފަހައްޓަންޖެހެއެވެ. އެހެން ނޫންނަމަ އަވަށްޓެރި ބައެއް ޤައުމުތަކާއި ދުނިޔޭގެ ބައެއް އެހެން ޤައުމުތައް ބަނގުރޫޓްވެގެންދިޔަ ހާލަތު ރާއްޖެއަށް ކުރިމަތިވުމުގެ ބިރު އެބައޮތްކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ.

އިޤްތިޞާދީ އަދި މާލީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި ކޯވިޑްގެ ހާލަތުގައިވެސް، އަދި އޭގެފަހުންވެސް ރާއްޖޭގެ އިޤްތިޞާދު ހިިފެހެއްޓިފައި އޮތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އެގޮތުން ސަރުކާރުން ވަނީ ދުރުވިސްނޭ ސިޔާސަތުގެ ދަށުން ރާއްޖޭގެ ބޯޑަރު ހުޅުވާލާފައެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ސުމަކަށް ވެއްޓިފައިވަނިކޮށް، ރާއްޖޭގެ ބޯޑަރު ހުޅުވާލުމަކީ ރާއްޖެއަށް އާމްދަނީ ހޯދުމަށް އެއިރު ކޮށުނު ހަމައެކަނި މަގެވެ. ވިޔަފާރިތައް އިނދަޖެހުނަ ނުދިނުމަށް އެޅެން އޮތް ހުރިހާ ފިޔަވަޅެއް އެޅުއްވިއެވެ. ސަރުކާރުގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާއިރު، އަމިއްލަ މީހުންގެ ވަޒީފާތަކުގައި އުޅުނު މީހުންގެ ތެރެއިން ވަޒީފާއަށް ނުވަތަ މުސާރައަށް އަސަރުކުރި މީހުންނަށް ސަރުކާރުން އިނާޔަތްދެއްވިއެވެ. އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން ފެނާއި ކަރަންޓުގެ ޑިސްކައުންޓް 98455 ގޭބިސީއަކަށާއި، 21123 ވިޔަފާރިއަކަށް ވަނީ ދޫކޮށްފައެވެ.

އިންކަމް ސަޕޯޓް އެލަވަންސް 22946 ފަރުދުންނަށް ދޫކޮށްފައިވާއިރު، ރިލީފް ލޯނު 2133 ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވެއެވެ. އަދި 419 ބޮޑެތި ވިޔަފާރިއަކަށް ރިލީފް ލޯނު ވަނީ ދޫކޮށްފައެވެ. އީއައިބީ ލޯނު 182 ވިޔަފާރިއަކަށް ދޫކޮށްފައިވާއިރު އެސްޑީއެފްސީ ލޯނު 73 ވިޔަފާރިއަކަށް ވަނީ ދޫކޮށްފައެވެ. މިއީ ހައްތަހާވެސް ރާއްޖޭގެ ރައްޔިތުންނާއި އިޤްތިޞާދަށް ދެރަ ގޮތެއް މެދުވެރިވިޔަ ނުދިނަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އެޅުއްވި ބައެއް ފިޔަވަޅުތަކެވެ. އަދި އެކަމުގެ ނަތީޖާ ފެނިފައިވާ ފިޔަވަޅުތަކެވެ.

ސަރުކާރުން އަނެއްކާވެސް އިޤްތިޞާދީ ޕްލޭންތަކެއް އިއުލާންކޮށްފައިވާއިރު، މިފަހަރު އިއުލާންކުރި ޕްލޭންތަކަކީވެސް މީގެކުރިން އެޅުއްވިފަދަ ހަރުދަނާ ފިޔަވަޅުތަކެއްކަމާއިމެދު ސަރުކާރުން ޝައްކެއް ނުކުރައްވައެވެ. ދައުލަތުގެ އިޤްތިޞާދީ އަދި މާލީ ކަންކަމާއި ހަވާލުވެ ތިއްބެވި މަސްއޫލުވެރިން ޤަބޫލުކުރައްވާ ގޮތުގައި ރާއްޖެ ދަނީ އިޤްތިޞާދީގޮތުން ރަނގަޅު މަގަކުންނެވެ. އަދި މިއަަހަރު ރާއްޖޭގެ އިޤްތިޞާދު ކޯވިޑްގެ ކުރިން ރާއްޖޭގެ އިޤްތިޞާދު އޮތް ހިސާބަށް އަލުން ގޮސް، އިޤްތިޞާދީ ކުރިއެރުން ހޯދާނެކަމަށް އިޤްތިޞާދީ އަދި މާލީ ތަޖުރިބާކާރުން ޤަބޫލުކުރައްވައެވެ.