ދުނިޔެ

ޒިކާ ވައިރަސްގެ ސަބަބުން އޮލިމްޕިކްސްއަށް އަސަރެއް ނުކުރާނެ


ދެކުނު އަދި ލެޓިން އެމެރިކާގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ޒިކާ ވައިރަސްގެ ސަބަބުން މިއަހަރުގެ ހޫނު މޫސުމުގައި ބްރެޒިލްގައި ބާއްވާ އޮލިމްޕިކްސް މުބާރާތަށް އެއްވެސް އަސަރެއް ނުކުރާނޭ ކަމަށް އެޤައުމުގެ ކުޅިވަރާއި ބެހޭ ވަޒީރު ޖޯޖް ހިލްޓަން ވިދާޅުވެއްޖެއެވެ.މުބާރާތް ބާއްވާ ރިއޯޑިޖެނޭރޯގެ ސަރަޙައްދުތައް ސާފުކުރުމުގެ އިތުރުން މީހުން އެއްވާ ސަރަހައްދުތައް ބަލަމުންދާ ކަމަށް ހިލްޓަން ވިދާޅުވިއެވެ. އަދި، ސަރުކާރުގެ އިދާރާތަކުން ޒިކާ ވައިރަސް ހުއްޓުވުމަށްޓަކައި ކުރަމުންދާ މަޝްރޫޢުތައް ހަލުވި ކުރަމުންދާ ކަމަށާއި އެ މަޝްރޫއުތައް ތަންފީޒު ކުރުމުގައި ކަމާއިބެހޭ ބައިނަލްއަޤްވާމީ އިދާރާތަކާއިއެކު މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ބްރެޒިލްއިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ބުނާގޮތުގައި އެޤައުމުގައި ޒިކާ ވައިރަސްގެ ސަބަބުން 4,000 އަށް ވުރެ ގިނަ ކުޑަކުދިންނަށް މައިކްރޯ ސެފަލީ ޖެހިފައިވެއެވެ.ޒިކާ ވައިރަސް އާއި ގުޅިގެން ދެކުނު އަދި ލެޓިން އެމެރިކާގެ ގިނަ ޤައުމުތައް ކުއްލި ޙާލަތުގެ ފިޔަވަޅުތައް އަޅަމުންދެއެވެ. އެގޮތުން، ކޮސްޓަރިކާ ފަދަ ޤައުމުތަކުން ދަނީ އެޤައުމުގެ ވައިގެ ބަނދަރުތައް ބަލައިފާސްކޮށް، ދަތުރުކުރާ މީހުން ސަމާލުވުމަށް އަންގަމުންނެވެ.ދުނިޔޭގެ ސިއްޙަތާއި ބެހޭ ވުޒާރާ، ޑަބްލިއުއެޗްއޯއިން ބުނާ ގޮތުގައި މި ބަލި އެމެރިކާގައި ހަލުވިކަމާއިއެކު ފެތުރި، މުޅި ދުނިޔެއަށް އޭގެ އަސަރު ފޯރަފާނޭކަމުގެ ބިރު އެބައޮތް ކަމަށެވެ. އެ އިދާރާގެ ޑިރެކްޓަރ ޖެނެރަލް މާގަރެޓް ޗާން ވިދާޅުވީ ޒިކާ ވައިރަސް އާއި ބެހޭގޮތުން އިމަޖެންސީ ކޮމިޓީގެ ބައްދަލުވުމެއް އަންނަ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.