ޚަބަރު

އޮމިކްރޯންގެ އައު ވޭރިއަންޓުތައް އެމެރިކާގައި ހަލުވިކަމާއެކު ފެތުރެނީ


އެމެރިކާގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އެކްޓިވް ކޭސްތައް ނުވަތަ މި ވަގުތު ބަލި ޖެހިފައިވާ މީހުންގެ އަދަދު 3.5 މިލިޔަނަށް އަރާފައި ވާއިރު، އެ ޤައުމުގައި ހަލުވި ކަމާއެކު ފެތުރެމުން ދަނީ އޮމިކްރޯން ދެ ސަބްވޭރިއެންޓެއް ކަމުގައި އެ ޤައުމުގެ ޢާންމު ޞިއްޙަތާ ބެހޭ އިދާރާއިން ބުނެފިއެވެ.

އެމެރިކާގެ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީ.ޑީ.ސީ)އިން ބުނީ، އެ ޤައުމުގައި ކޮވިޑް ޖެހިފައިވާ މީހުންގެ 70 އިންސައްތަ މީހުންނަށް ޖެހިފައިވާ އޮމިކްރޯންގެ އައު ވޭރިއަންޓްތައް ކަމުގައިވާ ބީ.އޭ.4 އަދި ބީ.އޭ.5 ކަމުގައެވެ. މިއީ، ހަފުތާއެއްހާ ދުވަސް ކުރިޔާ އަޅައިބަލާއިރު 55 އިންސައްތައިގެ އިތުރުވުމެކެވެ.

މޭ މަހުގެ ކުރީކޮޅު މި ވޭރިއަންޓުތައް ޖެހިފައި ވަނީ އެންމެ 1 އިންސައްތަ މީހުންނަށެވެ. އެމެރިކާގައި ދުވާލެއް މައްޗަށް މި ބަލި ޖެހޭ މީހުންގެ އަދަދު މިހާރު އުޅެނީ ލައްކައަކުން މަތީގައެވެ. މީގެ ދެ މަސްދުވަސް ކުރިން އެ އަދަދު ހުރީ 30,000 ގައެވެ.
އެމެރިކާގެ އިތުރުން ވިލާތުގެ ބައެއް ޤައުމުތަކުގައި ވެސް މި ވޭރިއަންޓްތައް ދަނީ ހަލުވި ކަމާއެކު ފެތުރެމުންނެވެ. އޭގެ ތެރޭގައި އިޓަލީ ވިލާތާއި، ޖަރުމަނު ވިލާތާއި، ފަރަންސޭސި ވިލާތް ހިމެނެއެވެ. އެ ޤައުމުތަކުގައި އެކްޓިވް ކޭސްތަކުގެ އަދަދު ވެސް ވަނީ މިލިޔަނަކަށް ވުރެ މައްޗަށް އަރާފައެވެ.

އެމެރިކާގައި ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 16.5 އިންސައްތަ މީހުންނަށް މި ބަލި ޖެހިފައި ވަނީ ބީ.އޭ.4 ވޭރިއަންޓުގެ ސަބަބުން ކަމުގައި ސީ.ޑީ.ސީ.އިން ބުނެއެވެ. އަދި، 53.6 އިންސައްތަ މީހުންނަކީ ބީ.އޭ.5 ވޭރިއަންޓުގެ ސަބަބުން ބަލި ޖެހިފައިވާ މީހުންނެވެ. އެމެރިކާގައި ބަލި ޖެހިފައިވާ ކޮންމެ 5 މީހަކުން 1 އަކީ މި ދެ ވޭރިއަންޓުގެ ތެރެއިން އެއް ވޭރިއަންޓުގެ ސަބަބުން ބަލި ޖެހުނު މީހުންނެވެ.

މި ބައްޔާއެކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް ދަނީ އިތުރު ވަމުންނެވެ. އެމެރިކާގައި ދުވާލެއްގެ މައްޗަށް މި ބަލީގައި މަރުވާ މީހުންގެ އަދަދު އެވުރެޖުކޮށް ހުރީ 300 ގައެވެ. މިކަމާ ގުޅިގެން، ސީ.ޑީ.ސީ.އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އިލްތިމާސްކޮށްފައެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ޢިމާރާތްތަކުގެ އެތެރޭގައި އުޅޭ ވަގުތުތަކުގައި މާސްކު އެޅުން ހިމެނެއެވެ.

އެމެރިކާއާއި ވިލާތުގައި ހަލުވި ކަމާއެކު މި ދެ ވޭރިއެންޓު ފެތުރެން ފެށުމާ އެކު، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން މި ވަނީ މި ދެ ވޭރިއަންޓް މޮނީޓަރިންގ ލިސްޓެއްގައި ހިމަނާފައެވެ. އެ ޖަމުޢިއްޔާއިން ބުނީ، މި ވޭރިއަންޓުތަކުގެ ސަބަބުން ބަލި ޖެހޭ މީހުންގެ ނިސްބަތް 18 އިންސައްތައަށް އިތުރުވެފައިވާ ކަމުގައެވެ.

ވެކްސިން އުފައްދާ މައި ދެ ކުންފުންޏެއް ކަމުގައިވާ މޮޑަރނާ އަދި ފައިޒާއިން ވަނީ ކޮވިޑްގެ ބީ.އޭ.4 އަދި ބީ.އޭ.5 ވޭރިއަންޓަށް ޚާއްޞަކޮށްގެން އައު ބޫސްޓަރ ޑޯޒެއް އުފައްދާފައެވެ. ނަމަވެސް، މި ވެކްސިން ޢާންމުންނާ ހަމައަށް ފޯރުކޮށްދެވޭނީ މި އަހަރުގެ ފަހުކޮޅު ކަމުގައި އެ ކުންފުނިތަކުން ބުނެއެވެ. އޭގެ ކުރިން، އެތައް ހާސް ބަޔަކަށް މި ދެ ވޭރިއަންޓުގެ ސަބަބުން ބަލި ޖެހޭނެ ކަމަށް ބެލެވެއެވެ.
މި ދެ ވޭރިއަންޓާ އެކު ބަލި ފެތުރޭ މިންވަރު އިތުރުވެފައި ވީ ނަމަވެސް، ބަލި ޖެހޭ މީހުންގެ ފުރާނައަށް ނުރައްކާވާ މިންވަރަށް ބަދަލެއް އައިސްފައި ނުވާ ކަމަށް ޑަބްލިޔު.އެޗް.އޯ.އިން ބުންޏެވެ. މި ދެ ވޭރިއަންޓު ވެސް އެންމެ ފުރަތަމަ ފެނިފައި ވަނީ ދެކުނު އެފްރިކާއިންނެވެ. ބީ.އޭ.4 އެންމެ ފުރަތަމަ ފެނިފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހެވެ. އަދި، ބީ.އޭ.5 ފެތުރެން ފަށާފައި ވަނީ ފެބުރުވަރީ މަހުގެ ތެރޭގައެވެ. މިއީ އޮމިކްރޯންގެ ބީ.އޭ.2 ވޭރިއަންޓާ ގުޅުން ހުރި ދެ ސަބްވޭރިއަންޓް ކަމަށް ބެލެވެއެވެ.