ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންއަށް ކިޔާނެ ނަމެއް ހޯދުމަށް ހުޅުވާލައިފިއެވެ. ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ މަސައްކަތަކީ އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށްގެންދާ މަސައްކަތެކެވެ. ޖައްވީ މިޝަންގެ މެއިން ޕަރޓްނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންއެވެ.
މި މަސައްކަތުގެ ތައްޔާރީތަކުގެ ތެރެއިން، 7 ދިވެހިންގެ މައްޗަށް އެކުލެވޭ ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން ޓީމް ވަނީ އެކުލަވާލާފައެވެ. އަދި މިހާރު މިވަނީ ޖައްވީ މިޝަންއަށް ދޭނެ ނަމެއް ހޯދުމަށް ހުޅުވާލާފައެވެ. ނަން ހުށައެޅުމަށް ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެއެވެ.
އޮންލައިންކޮށް ނަން ހުށައެޅޭއިރު، ސްޕޭސް މިޝަންއަށް ނަން ހުށައެޅުމާއި އެ ހުށައަޅާ ނަމުގެ މާނައާއި އެއިން ދޭހަކޮށްދޭ ކަންކަން ހިމަނަން ވާނެއެވެ. ނަން ހުށައެޅޭނެ ޕޯޓަލް ލިންކް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވަނީ ހިމަނާފައެވެ.
Got cool & catchy names for the first space mission happening in our Country?
— HDC (@hdcmaldives) July 6, 2022
Send them in through https://t.co/XTDV4Re2PF, and be a part of Maldives’ first space mission. Tell us your ideas before 16th July 2022. pic.twitter.com/Hqc6EcG4sh
އައި.ޖީ.އެސްއާއި އެޗް.ޑީ.ސީ ގުޅިގެން ކުރިއަށްގެންދާ މި ސްޕޭސް މިޝަންގެ އަމާޒަކީ ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓް ހަދާ ޓެސްޓްކުރުމެވެ. މިއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން އަޖުމަބެލުމުގެ ގޮތުން ހަދާ ސެޓެލައިޓެކެވެ. މި ސެޓެލައިޓް ހަދައި، ޓެސްޓުކޮށް ލޯންޗު ކުރަން ހަމަޖެހިފައިވަނީ ދިވެހި ޒުވާން ޓީމަކުންނެވެ. 7 މެންބަރުންގެ ޓީމުގައި މުޅިންވެސް ހިމެނެނީ 30 އަހަރުން ދަށުގެ މީހުންނެވެ. އެއީ 2 އަންހެނުންނާ 4 ފިރިހެނުންނެވެ.
މިއީ އެމެރިކާގެ ކޭ.އެސް.އެފް ސްޕޭސް ފައުންޑޭޝަންގެ ފަންނީ އެހީތެރިކަމާއެކު އައިޖީއެސްއިން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.
ކޭ.އެސް.އެފް ސްޕޭސް ފައުންޑޭޝަނަކީ ސްޕޭސް ޢިލްމު ފުޅާކޮށް، ސެޓެލައިޓް ލޯންޗުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާއާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ) އާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސް އެކްސްގެ ސައިންސްވެރިންނާއި ތަޖުރިބާކާރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.