ޚަބަރު

ހުއްޓުނު ލޯންޗުގައި ތިބި 28 މީހުން މާލެ ގެނެސްފި


28 މީހުންނާއެކު ދަތުރުކުރަމުންދަނިކޮށް ހުއްޓުނު ލޯންޗުގައި ތިބި މީހުން މާލެ ގެނެސްފިއެވެ.

"އެރްވީނާ އަލޯހާ" ނަމަކަށް ކިޔާ މިލޯންޗުގައި ތިބި މީހުން މިއަދު ހެނދުނު 10:16 ހާއިރު މާލެ ގެނެސްފައިވަނީ އެމް.އެން.ޑީ.އެފް މާލެ އޭރިއާ ކޯސްޓް ގާޑު ސިފައިންގެ ދެއުޅަނދެއްގައެވެ.

އއ.ފެރިދޫއިން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ މިލޯންޗު ހުއްޓިފައިވަނީ ތެޔޮހުސްވެ އިންޖީނު ހުއްޓިގެން ކ.ބޮލިފުށީގެ ހުޅަނގުން 14 މޭލު ބޭރުންނެވެ. މިލޯންޗުން 4 ކުޑަކުދިންނާއި، 7 އަންހެނުންގެ އިތުރުން 17 ފިރިހެނުން ދަތުރުކުރަމުން ދިޔަކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެމް.އެން.ޑީ.އެފް އިން މައުލޫމާތުދެއެވެ.

މިދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަވެ ކަނޑުގަދަ ދުވަސްވަރެއްކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ކަމާގުޅުންހުރި މުއައްސަސާތަކުން އަންނަނީ އިލްތިމާސްކުރައްވަމުންނެވެ. އަދި ދަތުރަށް ނިކުންނައިރު އުޅަނދުފަހަރުގައި ހުންނަންވާ ސާމާނު ހުރިތޯ ޗެކްކުރުމަށްފަހު ދަތުރަށް ނިކުތުމަށްވެސްވަނީ އިލްތިމާސްކޮށްފައެވެ.