ޚަރަދުކުޑަކުރުމަށް އެޅި ފިޔަވަޅުތަކާއެކު މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ދައުލަތުގެ ޚަރަދުތައް %20 ދަށްކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ދުނިޔޭގެ އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ފިނޭންސް މިނިސްޓްރީން ދަނީ ޚަރަދުކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝިއަލް ބަޖެޓް އެގްޒެކްޓިވް އަޙްމަދު ސަރުވަޝް ވިދާޅުވީ، ޚަރަދުތައް ކުޑަކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތައްކަމަށެވެ. މިއަހަރަށް ބަޖެޓް އެކުލަވާލިއިރު ޔޫކްރެއިން ރަޝިއާ ހަނގުރާމަ ފެށިފައިނުވާކަން ފާހަގަކުރައްވައި ސަރުވަޝް ވިދާޅުވީ، ހަނގުރާމައަށްފަހު ތެލުގެ އަގަށް ބޮޑު ބަދަލެއް އައިސް ސަބްސިޑީއަށް ކުރާ ޚަރަދު ވަރަށް ބޮޑުތަނުން އިތުރުވެގެންދިޔަކަމަށެވެ. މީގެކުރިން ދުނިޔެއަށް އައިސްފައިވާ ކާރިސާތަކުގައި ތެލުގެ އަގަށް ބަދަލުއައި ނަމަވެސް ވަރަށް އަވަހަށް އަގު ދަށްވަމުން ދިޔަކަން ފާހަގަކުރައްވައި ސަރުވަޝް ވިދާޅުވީ، މިއަހަރު އަގުތައް ދަށްވަމުން ނުދާކަމަށެވެ.
"ޚަރަދަށް ދިމާވެފައިވާ އެންމެ ބޮޑު ރިސްކަކީ ދުނިޔޭގެ ތެލުގެ އަގު ބޮޑުވެގެން އައުން. ތެޔޮ އަގުބޮޑުވީމަ އަޅުގަނޑުމެންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ތެލުގެ ސަބްސިޑީއަށް ކުރާ ޚަރަދު ވަރަށް ބޮޑުތަނުން އިތުރުވެގެން އައުން. ތެލުގެ ސަބްސިޑީ ދޭ އުސޫލަށް ބަލާއިރު އަޅުގަނޑުމެން ބަޖެޓްކުރީ 350 މިލިއަން ރުފިޔާ ތެލަށް ޚަރަދުވާނެކަމަށް. އެއީ ގާތްގަނޑަކަށް 69 ޑޮލަރުގައި ސާފު ނުކުރާ ފީފާއެއް ތެލުގެ އަގު ހުންނާނެ ކަމަށް ބަލައިގެން ހަދާފައިވާ އަންދާޒާއެއް." ސަރުވަޝް ވިދާޅުވިއެވެ.
ދުނިޔޭގެ އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ސަރުކާރުން އަންނަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އަޅުއްވަމުންނެވެ. ސަރުވަޝް ވިދާޅުވީ، ސަރުކާރުގެ ޚަރަދުތައް މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ހިނގާނެކަމަށް ބެލެވުނު އަދަދަށްވުރެ %20 ދަށްކުރެވިފައިވާކަމަށެވެ.
"އަޅުގަނޑުމެން ގެންނަ ބޭނުންވި ބައެއް ބަދަލުތައް ނުގެނެވުމުގެ ސަބަބުން އާސަންދައިގެ ޚަރަދުތައްވެސް ބޮޑުވެފައި މިވަނީ. އެހެންނަމަވެސް ހިންގުމުގެ ޚަރަދު އަޅުގަނޑުމެންނަށް ވަރަށް ބޮޑުތަން ކުޑަކުރެވިފައި ވަނީ. ޖުމްލަކޮށް ހިންގުމުގެ ޚަރަދު ހުންނަ ހުރިހާ ދިމާއަކުން އަޅުގަނޑުމެންނަށް ފުރަތަމަ 6 މަސްދުވަހު ހިނގާނެކަމަށް ބެލެވުނު މިންވަރަށްވުރެ ގާތްގަނޑަކަށް 20 އިންސައްތަ މަދުން ނުވަތަ ތިރިކުރެވިފައި އަޅުގަނޑުމެންނަށް ވާނީ. މިބަދަލު މިގެނެވުނީ އެކިއެކި ކޮންޓްރޯލްތައް ޚަރަދުކުރުމުގައި ގެންގުޅެގެން. ޚަރަދު ކުޑަކުރުމުގެ ސަރކިއުލާތައްވެސް ދޭތެރެދޭތެރެއިން އަޅުގަނޑުމެން އެބަ ނެރެން." ސަރުވަޝް ވިދާޅުވިއެވެ.
ސަރުވަޝް ވިދާޅުވީ، މެދުރާސްތާގައި ޚަރަދުތައް މެނޭޖްކުރުމަށް އަޅާނެ ފިޔަވަޅުތައްވެސް މިނިސްޓްރީން ބަލަމުންދާކަމަށެވެ. ޚަރަދުތައް މިހާރު ހުރީ ޖީޑީޕީގެ ނިސްބަތުން %40 ގައެވެ. އާމްދަނީ ހުރީ %28 ގައެވެ.
ދެމެހެއްޓެނިވި މިންގަނޑަކަށް ފިސްކަލް ޕޮލިސީ ގެންނަން ފިޔަވަޅުތައް އަޅަންޖެހެނީ ޚަރަދާއި އާމްދަނީން ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އެހެންކަމުން މުސްތަޤްބަލުގައި ވިސްނަނީ ޚަރަދުން ޖީޑީޕީގެ ނިސްބަތުން %3 ފިޔަވަޅުތަކެއް އަޅައިގެން ކުރިއަށްދާން ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އޭގެތެރޭގައި ސަބްސިޑީތައް ރީފޯމްކުރުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކެޕިޓަލް ދޭގޮތައް ބަދަލުގެނައުމާއި، މަޝްރޫއުތައްވެސް ފައިނޭންސްކޮށްގެން ކުރިއަށްގެންދިއުމާއި، މުވައްޒަފުން ނަގާ މިންވަރު މަދުކުރުން ފަދަ ފިޔަވަޅުތައް ފިނޭންސް މިނިސްޓްރީން ގެންދަވަނީ އަޅުއްވަމުންނެވެ.