ކުޅިވަރު

ހުރާކޮޅު ރާޅުގަނޑުގެ ޗެމްޕިއަންކަމާއެކު އަންމަޑޭ ރާއްޖޭގެ އެއްވަނައަށް


އެމްޓީސީސީ ދިވެހި ސާފް ލީގުގެ ތިންވަނަ މުބާރާތް ކަމަށްވާ ހުރާކޮޅު ރާޅުގަނޑުވެސް ކާމިޔާބުކޮށް، އަޙްމަދު އާގިލް (އަންމަޑޭ) ރާއްޖޭގެ އެއްވަނައަށް ޖެހިލައިފިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މާލޭގައި ބޭއްވި ގައުމީ ސާފިން މުބާރާތުން އަންމަޑޭ ދިޔައީ ދެވަނައެވެ. އޭގެ ފަހުން މި އަހަރުގެ ފެބްރުއަރީ މަހު ގދ. ގައްދޫގައި ބޭއްވި ދިވެހި ސާފް ލީގު ފުރަތަމަ މުބާރާތް ކަމަށްވާ ކަޅެގަލެކޮޑާގައި އަންމަޑޭގެ ވިދުން އެހާ ގަދަނުވި ނަމަވެސް، މިދިޔަ މެއި މަހު މ. މުލީގައި ބޭއްވި ސާފް ލީގުގެ ދެވަނަ މުބާރާތް ކަމަށްވާ މުލީކޮޅު ރާޅުގަނޑުގެ އޯޕަން ބައިގެ ޗެމްޕިއަނަކީވެސް ކ. ތުލުސްދުއަށް އުފަން އަންމަޑޭއެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެން ގައުމީ ރޭންކިންގެ ދެވަނައަށް ޖެހިލި އަންމަޑޭ، މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއެކު ވަނީ އެއްވަނައަށް އަރާފައެވެ.

ހުރާކޮޅު ރާޅުގަނޑުގެ އޯޕަން ބައިގެ ފައިނަލުގައި އަންމަޑޭ ވާދަކުރީ ޖޫނިއާ ޗެމްޕިއަންކަން ހޯދި މުއްޔަށް ނިސްބަތްވާ ޝާނިފް ޝަފީގާވެ. މި ފަހަރުގެ މުބާރާތުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދައި އޯޕަން ބައިގެ ފައިނަލުގައި ޝާނިފް ވާދަކުރިއިރު، މުލީކޮޅު ރާޅުގަނޑުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދީ ޝާނިފްއެވެ.

ފައިނަލުގައި އަންމަޑޭ ވަނީ ޝާނިފްއާ ދެކޮޅަށް 10 ރާޅު އަޅާއެވެ. މިއީ އަންމަޑޭ މި މުބާރާތުގައި އެންމެ ގިނަ ރާޅާ އެޅި ހީޓެވެ. ފުރަތަމަ ފަސް ރާޅުން 11.6 ޕޮއިންޓް ހަމަކޮށްގެން އަންމަޑޭ ކުރީގައި އޮތް ނަމަވެސް، ޝާނިފް ވަނީ ހިތްވަރުކޮށް ރަނގަޅު ރާޅުތަކަކާއެކު 8.5 ޕޮއިންޓް ހަމަކޮށް ފަރަގު ކުޑަކޮށްފައެވެ.

އެކަމަކު ހީޓުގެ ފަހު ރާޅުގައި އަންމަޑޭ 6.83 ޕޮއިންޓް ހޯދައިގެން ޖުމްލަ ސްކޯ، 12.93 ޕޮއިންޓަށް ބަދަލު ކޮށްލިއެވެ. އަދި ޖުމްލަ ނުވަ ރާޅު އެޅި ޝާނިފް އޭނާގެ ފަހު ރާޅުގައި ހޯދި 4.70 ޕޮއިންޓާ އެކު ހީޓް ނިންމާލީ، ޖުމްލަ 9.03 ޕޮއިންޓް ހަމަކޮށްގެންނެވެ.

މުޅިން ރާއްޖެއަށް ފުޅާކޮށްގެން މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން ދިވެހި ސާފް ލީގު ކުރިއަށްގެންދާއިރު، ދެން ބާކީ އޮތީ ދެ މުބާރާތެވެ. އެ ގޮތުން ދެން ކުރިއަށް އޮތީ އަންނަ އޮކްޓޯބަރު މަހު ކ. ހިންމަފުށީގައި ބާއްވާ މުބާރާތެވެ. އަދި ފަހު މުބާރާތް ކަމަށްވާ "ރަންނަމާރި ޗެލެންޖް" މާލޭގައި އޮންނާނީ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށް ސާފިން އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.