ޚަބަރު

އިޓަލީގައި ދުވާލެއްގެ މައްޗަށް ކޯވިޑް ޖެހޭ މީހުންގެ އަދަދު ލައްކައަކުން މައްޗަށް


އިޓަލީވިލާތުގައި އަންގާރަ ދުވަހު ކޮވިޑް ޖެހުނު މީހުންގެ އަދަދު 132,274 އަށް އަރާފައިވާ ކަމަށް އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ، ފެބުރުއަރީ މަހުގެ 8ވަނަ ދުވަހަށް ފަހު އެ ޤައުމުގައި ދުވާލެއްގެ މި ބަލި ޖެހޭ މީހުންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް އެރި ފުރަތަމަ ފަހަރެވެ. އަންގާރަ ދުވަހު ކޮވިޑަށް ފަރުވާ ކުރަމުންދިޔަ 94 މީހަކު މަރުވި ކަމަށް ވެސް އެ ޤައުމުން ރިޕޯޓުކޮށްފައިވެއެވެ.

މި އަދަދުތަކާ އެކު އިޓަލީވިލާތުގައި އެކްޓިވް ކޭސްތައް ނުވަތަ މި ވަގުތު ކޮވިޑު ޖެހިފައިވާ މީހުންގެ އަދަދު ވަނީ މިލިޔަނަކަށް ވުރެ މައްޗަށް އަރާފައެވެ. މިއީ، ހުސްވި ޖޫން މަހުގެ 17 ވަނަ ދުވަހާ އަޅައިބަލާއިރު ދެ ގުނަ އިތުރު އަދަދެކެވެ. ފާއިތުވި ދެ ހަފުތާގެ ތެރޭގައި އެ ޤައުމުގައި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ހަލުވި ކަމާއެކު އިތުރުވެފައެވެ.

އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، ކޮވިޑް-19ގެ ވޭރިއަންޓްތަކުގެ ތެރެއިން އެންމެ ހަލުކޮށް ފެތުރޭ އޮމިކްރޯން ވޭރިއަންޓްގެ ސަބްވޭރިއަންޓެއް އެ ޤައުމުގައި ފެތުރެމުންދާ ކަމުގައެވެ. އަދި، އަލަށް ފެނިފައިވާ ކޭސްތަކަކީ އެ ވޭރިއަންޓްގެ ސަބަބުން ބަލިޖެހިފައިވާ މީހުން ކަމުގައެވެ. މިއާއެކު، އައިސީޔޫގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް ދަނީ އިތުރު ވަމުންނެވެ. މި ވަގުތު 291 މީހަކަށް ފަރުވާ ދެމުން ދަނީ އައި.ސީ.ޔޫ.ގައެވެ.

އިޓަލީވިލާތުގެ އާބާދީގެ ބޮޑު އިއްސައްތައެއް ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައެވެ. މި ވަގުތު މިލިޔަނަށް ވުރެ ގިނަ އެކްޓިވް ކޭސް ފެނިފައިވާ ހަތަރު ޤައުމުގެ ތެރޭގައި އިޓަލީވިލާތް ހިމެނެއެވެ. މި ލިސްޓުގެ އެންމެ ކުރީގައި 3.5 މިލިޔަން ކޭސްއާއެކު އުޅެނީ އެމެރިކާއެވެ. މީގެ އިތުރުން، ޖަރުމަނުވިލާތުގައި އެކްޓިވް ކޭސްތަކުގެ އަދަދު 1.5 މިލިޔަނަށް އަރާފައި ވާއިރު، ފަރަންސޭސިވިލާތުގައި މި ވަގުތު ބަލި ޖެހިފައިވާ މީހުންގެ އަދަދަކީ 1.4 މިލިޔަނެވެ.