ޚަބަރު

ރަޝިޔާއިން ސްލޮވިއާންސްކަށް ދިން ޙަމަލާތަކުގައި ޢާއްމުންގެ ބަޔަކު މަރުވެއްޖެ


ރަޝިޔާ ސިފައިން ޔޫކްރެއިނުގެ ސްލޮވިއާންސްކަށް ދިން މިސައިލް ހަމަލާތަކެއްގައި ޢާންމުންގެ ދެ މީހުން މަރުވެއްޖެއެވެ. ޔޫކްރެއިނުގެ އިރުމަތީގައިވާ ރަށެއް ކަމުގައިވާސްލޮވިއާންސްކަށް ރަޝިޔާ ސިފައިން ދިން މިސައިލް ހަމަލާތައް އަމާޒުކޮށްފައި ވަނީ ގިނަ އަދަދެއްގެ ޢާންމުން އެއްވާ މާރުކޭޓަކަށެވެ. މި ހަމަލާގައި ހަތް މީހުން ޒަޚަމްވިއެވެ.

މި ހަމަލާގައި އެ ސަރަޙައްދުގައި ހުރި ބައެއް ފިހާރަތަކުގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި، ޢާންމުންގެ ގެދޮރު ވެސް ހަލާކުވިއެވެ. އެ ސަރަޙައްދުގައި ރޯވި އަލިފާންގަނޑު ނިއްވައިލަން ގިނަ ވަގުތުތަކެއް ހޭދަވި ކަމަށް އޮފިޝަލުން ބުނެއެވެ. މި ހަމަލާއާ ގުޅޭ ގޮތުން ދޮނެޓްސްކުގެ ގަވަރުނަރު ޕަވްލޯ ކިރިލެންކޯ ވިދާޅުވީ މިއީ އެ ރަށުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ރަޝިޔާއިން ހިންގާފައިވާ އުދުވާނެއް ކަމަށާއި، މިއީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ސިފަ ކުރާ ކަމުގައެވެ.

ސްލޮވިއާންސްގެ މޭޔަރު ވެސް ވަނީ މިމޭރުމުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ދެ ބޭފުޅުން ވެސް ވަނީ، ރަޝިޔާގެ ހަމަލާތަކުގެ އަދަދާއި ނުރައްކާތެރި ކަން އިތުރުކޮށްފައިވާ ކަމަށް ވިދާޅުވެ، ރައްކާތެރި ހިސާބުތަކަށް ބަދަލުވާން އެ ރަށުގެ ރައްޔިތުންނަށް ގޮވައިލައްވާފައެވެ. މި ވަގުތަށް އެންމެ މުހިންމު ކަމަކީ ޢާންމު ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުން ކަމުގައި ދެ ބޭފުޅުން ވެސް ޤަބޫލުފުޅު ކުރައްވައެވެ. ނަމަވެސް، ޢާންމުންނަށް އަމާޒުކޮށް ގަސްދުގައި ހަމަލާ ދޭ ކަމަށް ކުރާ ތުހުމަތުތައް ރަޝިޔާއިން ދޮގު ކުރެއެވެ.

ރަޝިޔާ ސިފައިން ޔޫކުރެއިނުގެ ސަރަޙައްދުތަކަށް ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު އެރުމަށްފަހު ފެށި ހަނގުރާމައިގައި އެ ޤައުމުގެ އިރުމަތީގެ ގިނަ ސަރަޙައްދުތަކެއް ވަނީ ހިފާފައެވެ. އެންމެ ފަހުން އަތްގަދަކޮށްފައި ވަނީ ލުހާންސްކް ޕުރޮވިންސުގެ މައި ދެ ރަށުގެ ތެރެއިން އެއް ރަށް ކަމުގައިވާ ލިސިޗެންކްސެވެ. އަދި، ހަމަލާތަކުގެ ނަޒަރު މިހާރު އަމާޒުކޮށްފައިވަނީ ސްލޮވިއާންސްކަށެވެ.