ޚަބަރު

އިނގިރޭސިވިލާތުގެ ޞިއްޙީ އަދި މާލީ ވަޒީރުން އިސްތިއުފާދެއްވައިފި


އިނގިރޭސިވިލާތުގެ ޞިއްޙަތާބެހޭ ވަޒީރު ސާޖިދު ޖާވިދާއި މާލީ ވަޒީރު ރިޝީ ސުނާކު އިސްތިއުފާ ދެއްވައިފިއެވެ. މި ދެ ބޭފުޅުންގެ އިސްތިއުފާ އަކީ ބޮޑުވަޒީރު ބޮރިސް ޖޮންސަންގެ ސަރުކާރަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި އެ ޤައުމުގެ މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އިސްތިއުފާ ހުށަހަޅުއްވަމުން ޞިއްޙަތާބެހޭ ވަޒީރު ސާޖިދު ޖާވިދު ވިދާޅުވީ އެ މަޤާމުގައި އިތުރަށް ކުރިއަށް ހުންނެވުމަކީ އޭނާގެ ޟަމީރު ޤަބޫލު ކުރާ ކަމެއް ނޫން ކަމުގައެވެ. އަދި، ޖޮންސަންއަށް އިތުބާރު ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ޤައުމުގެ މާލީ ވަޒީރު ރިޝީ ސުނާކު އިސްތިއުފާ ދެއްވާފައި ވަނީ، ޖާވިދު އިސްތިއުފާ ހުށަހެޅުއްވިތާ ކުޑަ ހިނދުކޮޅެއް ފަހުންނެވެ. އޭނާ ވެސް ވިދާޅުވީ، މަޤާމުގައި އިތުރަށް ކުރިއަށް ދެވެން ނެތް ކަމަށާއި، ސަރުކާރުގެ މަސައްކަތް ކުރިއަށް ދާން ޖެހޭނީ ވަކި ތަރުތީބަކުން ވަކި އުސޫލުތަކެއް ދަށުން ކަމަށާއި، ހަރުދަނާ ކަން މަތީގައި ކަމުގައެވެ. އަދި، މިއީ މިނިސްޓަރުންގެ ފެންވަރުގެ މަޤާމެއް އޭނާ ފުރުއްވާ އެންމެ ފަހު ފަހަރު ކަން ވެސް ޖާވިދު ފާހަގަ ކުރެއްވިއެވެ. އޭނާގެ އިސްތިއުފާގެ ސިޓީ ވަނީ ޓުވިޓަރގައި ވެސް ޢާންމު ކުރައްވާފައެވެ. ސުނާކު ވިދާޅުވީ، ޤައުމަށް ކުރިމަތިވެފައިވާ ކަންތައްތަކުގެ ތެދު ހަޤީޤަތް ރައްޔިތުންނަށް އެނގުމަތީ އެ މީހުންގެ ހައްޤެއް ކަމުގައެވެ. އަދި، ބޮޑުވަޒީރާ އޭނާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ދެ ބޭފުޅުން އިސްތިއުފާ ހުށަހަޅުއްވާފައިވަނީ، ޖޮންސަންގެ ކޮންޒަރވެޓިވް ޕާޓީގެ ކުރީގެ ޗީފް ވިޕް ކަމުގައިވާ ކްރިސް ޕިންޗަރ ބަދުއަޚުލާޤީ އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ޖޮންސަން މަޢާފަށް އެދިވަޑައިގަންނަވާފައިވާ ދަނޑިވަޅެއްގައެވެ.