ޚަބަރު

އާލިއާގެ "ޑާލިންގްސް" އަނެއްކާވެސް ތަފާތު ރޯލެއް، ޓީޒާ ބަލައިފިންތަ؟


ބޮލީވުޑް ޒުވާން ބަޠަލާ އާލިއާ ބަޓް ފުރަތަމަ ފަހަރަށް ޕްރޮޑިއުސްކުރާ ފިލްމު "ޑަލިންގްސް" ގެ ޓީޒާ ދައްކާލައިފިއެވެ.

ނެޓްފްލިކްސް އިން ދައްކަން ހަމަޖެހިފައިވާ މި ފިލްމަކީ އާލިއާގެ އަމިއްލަ ފިލްމު ކުންފުނި ސަންޝައިން ޕްރޮޑަކްޝަނާއި ޝާހްރުކް ޚާންގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓް ގުޅިގެން ގެނެސްދޭ ބްލެކް ކޮމެޑީ ޑްރާމާއެކެވެ.

މި ފިލްމުގެ ކާސްޓުގައި އާލިއާގެ އިތުރުން "ގަލީ ބޯއި"، "ސުޕާ ތާޓީ" އަދި "ޕިންކް" ފަދަ ފިލްމުތަކުގެ ސްޕޯޓިންގ ރޯލުން ފެނުނު ވިޖޭ ވަރުމާއާއި، ގިނަ ހިންދީ ފިލްމުތަކުގެ ސަޕޯޓިންގް ރޯލުތަކުން ފެންނަ ޝެފާލީ ޝާހް އަދި ރޯޝަން މެތިއު ހިމެނެއެވެ.

"ޑާލިންގްސް" އަކީ ސްކްރީން ރައިޓަރު ޖަސްމީތު ކޭ އާއި ޕަރުވީޒް ޝައިހު ފައްކާކޮށްފައިވާ ސްކްރީންޕްލޭއަކަށް ޖެސްމީތު ޑައިރެކްޓުކުރާ ފިލްމެކެވެ. މިއީ ޖެސްމީތުގެ ފުރަތަމަ ޑައިރެކްޝަނެވެ. މި ފިލްމުގެ އާލިއާގެ ފެންނަގޮތް ތަފާތު ވާނެއެވެ.


މި ފިލްމުގައި ދައްކާނީ މުމްބާއިގައި ދިރިއުޅޭ އާދައިގެ މަންމަޔަކާއި އޭނާގެ އަންހެން ދަރިއާ ދެމެދު ހިނގާ ކަންތައްތަކެކެވެ. މި ފިލްމުގައި އާލިއާގެ މަންމަގެ ރޯލުން ފެންނާނީ ޝެފާލީ އެވެ. "ޑާލިންގްސް" ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އޯގަސްޓު މަހުގެ 5 ވަނަ ދުވަހު ނެޓްފްލިކްސް އިންނެވެ.

އާލިއާގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި އަންނަ އަހަރު ރިލީޒްކުރާ ފަރްޚާން އަޚްތަރުގެ "ޖީ ލޭ ޒަރާ"، ދަރްމާ ޕްރޮޑަކްޝަނުން އަންނަ އަހަރު ފެބުރުއަރީ މަހު ރިލީޒްކުރަން ހަމަޖައްސާފައިވާ "ރޮކޯ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަދި އަންނަ ސެޕްޓެމްބަރު މަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ "ބްރަމަސްތްރާ" ވެސް ހިމެނެއެވެ. މި ފިލްމުގައި އާލިއާގެ ފިރިމީހާ ރަންބީރު ކަޕޫރުގެ އިތުރުން އަމީތާބް ބައްޗަންވެސް ފެންނާނެއެވެ.

މިހާރު ބަލިވެއިންކަން އިއުލާނުކޮށްފައިވާ އާލިއާ އަންނަނީ އިނގިރޭސިވިލާތުގައި ހޮލީވުޑްގެ ފިލްމު "ހާޓް އޮފް ސްޓޯން" ގެ މަސައްކަތްވެސް ކުރަމުންނެވެ.