ޚަބަރު

ސަމަންތާވެސް ބޮލީވުޑަށް، ފުރަތަމަ ފިލްމު އަޔޫޝްމާނާއިއެކު


ސައުތު އިންޑިއަން އެކްޓްރެސް ސަމަންތާ ރުތް ޕްރަބޫ ހިންދީ ސީރީޒް "ދަ ފެމިލީ މޭން 2" އަށްފަހު ބޮލީވުޑް ފިލްމަކުން ފެންނަން ތައްޔާރުވެއްޖެއެވެ.

މި ސީރީޒްގެ އިތުރުން ސަމަންތާ ވަނީ "ސިޓަޑެލް" ގެ ހިންދީ ވާޝަން އަށްވެސް ސޮއިކޮށްފައެވެ. ނަމަވެސް ފުރަތަމަ ފަށާނެ ފިލްމެއް ނޭގި ހުރުމަށްފަހު މިހާރ މިވަނީ އޭނާ ބޮލީވުޑަށް ތައާރަފްވާ ފިލްމު ހާމަކޮށްފައެވެ.

އުމުރުން 35 އަހަރުގެ ސަމަންތާ ބޮލީވުޑަށް ތަޢާރަފުވާ ފިލްމުގައި ލީޑްރޯލުން ދެން ފެންނާނީ ވަރަށް ތަފާތު ކޮންސެޕްޓުތަކުގެ ފިލްމުތައް ކުޅޭ އަޔޫޝްމާން ކުރާނާއެވެ. ދިނޭޝް ވިޖޭޔަން ޕްރޮޑިއުސްކުރާ މި ފިލްމުގައި މަޖާ ކަންތައްތަކެއްގެ އިތުރުން ސަސްޕެންސްވެސް ހިމެނޭނެއެވެ.

ފިލްމުގެ ޑައިރެކްޓަރަކީ ކާކުކަން އަދި ހާމަނުކުރި ނަމަވެސް ހުރިހާ ކަރުދާހުގެ މަސައްކަތެއްނިމި ފިލްމު މިހާރު އޮތީ ޝޫޓިން ފަށާ ހިސާބުގައެވެ.

ސަމަންތާގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި ރުސޯ ބްރަދާސްގެ "ސިޓަޑެލް" ގެ ހިންދީ ވާޝަން އަދި ވިޖޭ ދެވަރަކޯންދާއާއިއެކު ފެންނަ ފިލްމު "ޚުޝީ" ހިމެނެއެވެ.

މިދިޔަ އަހަރު ދެއްކި ކާމިޔާބު ތެލުގޫ ފިލްމު "ޕުޝްޕާ:ދަ ރައިސް" އިންވެސް ފެނުނު ސަމަންތާ އަކީ ތެލުގޫ އަދި ތަމަޅަ ފިލްމު އިންޑަސްޓްރީގައި މަޝްހޫރު ތަރިއެކެވެ. ފިލްމު ކުޅެން ފެށުމުގެ ކުރިން ސަމަންތާ އުޅުނީ މޮޑެލް ކުރާށެވެ.