ޚަބަރު

އައި.ޖީ.އެމް.އެޗްގެ ތަރައްޤީއަށާއި މީހުން ބިނާކުރުމަށް ގްލެން އީގަލްސްއާއެކު އެއްބަސްވުމެއް


އައިޖީއެމްއެޗްގެ ތަރައްޤީއަށާއި މީހުން ބިނާކޮށް ތަމްރީން ކުރުމަށް ގްލެންއީގަލްސް ގްލޯބަލް ހެލްތު ސިޓީ އާއެކު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން އައި.ޖީ.އެމް.އެޗްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީނާއި އޮބްޒާވަރޝިޕް އާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. އަދި މިޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށްޓަކައި ވޯލްޑައިވްސްއިން ރާއްޖޭގެ ރެޕްރެޒެންޓޭޓިވްގެ އެއްބާރުލުން ލިބިގެންދާނެއެވެ.

މިޕްރޮގްރާމްގެ ދަށުން އެކި ބަލިތަކަށް ފަރުވާދޭ ޚާއްސަ މަރުކަޒުތައް ޤާއިމް ކުރެވިފައިވާ އައި.ޖީ.އެމް.އެޗްގެ ޗެއިންގައި އެ ހޮސްޕިޓަލަށް ތާފާތު އެކި ދާއިރާތަކުން އޮބްޒާވަރޝިޕް ހެދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ވަކިން ޚާއްސަކޮށް ގޭސްޓްރޮސައިންސްއާއި ނިއުރޯސާޖަރީގެ އިތުރުން ތަފާތު ސްޕެޝަލިސްޓް ދާއިރާތަކުން އައި.ޖީ.އެމް.އެޗްއަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގެ ދަށުން އައި.ޖީ.އެމް.އެޗުން ޚިދުމަތް ނުލިބޭ ދާއިރާތަކަށް ޚާއްސަ ޑޮކްޓަރުން، ބަލިމީހުން ބެލުމާއި ސާޖަރީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން ރާއްޖެއިން ބޭރަށް ދަތުރުނުކޮށް ބަލިމީހުންނަށް ލުއިފަސޭހަވާނެހެން ރާއްޖޭގައި ތިބެގެން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

ގްލެންއީގަލްސް ގްލޯބަލް ހޮސްޕިޓަލްސް އަކީ އައި.އެޗް.އެޗް ހެލްތުކެއަރގެ ދަށުން ހިންގޭ ހޮސްޕިޓަލްތަކެކެވެ. މުޅި ޖުމްލަ 84 ހޮސްޕިޓަލް ހިންގާ މި ގްރޫޕްގެ ހޮސްޕިޓަލްތައް ސިންގަޕޫރު، މެލޭޝިޔާ، ތުރުކީ އަދި އިންޑިއާގައި ވަނީ ޤާއިމްކޮށްފައެވެ. އަދި މި ހޮސްޕިޓަލްތަކަކީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ އެންމެ މަތީ ފެންވަރުގެ ޒަމާނީ ފަރުވާދޭ ހޮސްޕިޓަލްތަކެކެވެ.

އައި.ޖީ.އެމް.އެޗްއިން ބުނީ މި އެމްއޯޔޫގެ އެންމެ މުހިންމު ބޭނުމަކީ އެ ހޮސްޕިޓަލުން ދެވޭ ފަރުވާއަކީ ޒަމާނީ އަދި އެންމެ ފުރިހަމަ ފަރުވާކަމުގައި ކަށަވަރުކުރުންކަމަށެވެ.