މާލޭގެ އަމީނީ މަގަށް ދިމާވެފައިވާ މައްސަލަތަށް ހައްލުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އެއްވެސް އެއްބަސްވުމެއް މާލެ ސިޓީ ކައުންސިލާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ)އާއި ދެމެދު ނޯންނާނެކަމަށް އެކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
އާރް.ޑީ.ސީން މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން "މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް"ގެ މައުލޫމާތު ދިނުމުގެ ބޭއްވި ޕްރެސްކޮންފަރެންސްގައެވެ.
މި ޕްރެސްކޮންފަރެންސްގައި ވާހަދައްކަވަމުން އާރް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީ ވިދާޅުވީ މިޕްރޮޖެކްޓްގެ އެއްބަސްވުމަށް ބައެއް ބަދަލުތައް އައިސްފައިވާކަމަށެވެ. އެހެންނަމަވެސް ޕްރޮޖެކްޓްގެ ސްކޯޕަކަށް އަދި އަގަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މޫސާ ޢަލީ ވިދާޅުވީ މާލެ ސިޓީ ކައުންސިލާއެކު މާލޭގެ އަމީނީ މަގަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެއްވެސް އެއްބަސްވުމެއް ނޯންނާނެކަމަށެވެ.
"ސިޓީ ކައުންސިލާއެކު އަމީނީ މަގު ހަދަން އެއްބަސްވެފައިވާއިރު އޭގެ މައްޗަށް އަނެއްކާ މިނިސްޓްރީއާ އާރްޑީސީއާއި އެކު އެއްބަސްވުމެއް ހެދި ވާހަކަ. އެއީ ކަނޑައެޅިގެން ބުހުތާނު ދޮގެއް. އަޅުގަނޑުމެން ކުރީގެ އެއްބަސްވުމުގަ އޮންނާނީ މާލެ 13 ސެގްމެންޓަކަށް ބަހާލައިގެން ފަހަރަކު ސެގްމެންޓެއް ނިންމާގޮތަށް" އާރް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީ ވިދާޅުވިއެވެ.
މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ހިންގާ "މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް"ގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވަމުން މޫސާ އަލީ ވިދާޅުވީ ޕްލޭނިންގ މިނިސްޓްރީއާއި އާރްޑީސީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މުޅިން އާ ސްޓޯން ވޯޓަރ މެނޭޖްމަންޓް ސިސްޓަމަކާއި ޕަންޕް ސްޓޭޝަންތައް ޤާއިމްކުރެވިގެން ދާނެކަމަށެވެ. އަދި ޒަމާނީ ފެންވަރަކަށް މަގުތައް ޑިޒައިން ކުރެވިގެންދާއިރު ޑީވޯޓަރިންގއާއި މިހުރިހާ ކަމަކަށް ހައްލު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި މަސައްކަތް ނިމޭއިރު ފެނާއި ނަރުދަމާ ނިޒާމް އަޕްގްރޭޑްވެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިނގާ ބިނގާވެ އުޅުމަށް ފަސޭހަ ގޮތްތަކެއް ޤާއިމްކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މާލޭގެ އަމީނީމަގަށް ބޭނުންވާ ހައްލު ވީހާވެސް އަވަހަށް ހޯދައިދޭނެކަމަށް އާރް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.
"ޖުމްލަ 210 ދުވަސް ތެރޭގަ މާލޭގެ އަމީނީމަގަށް އެތައް ޒަމާނެއް ވީއިރުވެސް ހޯދައިނުދެވުނު ހައްލު ގެނެސްދިނުމުގަ އަޅުގަނޑުމެން ކާމިޔާބު ހޯދާނަން" އާރް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީ ވިދާޅުވިއެވެ.
މިޕްރޮޖެކްޓްގެ މައިގަނޑު މަގްސަދަކީ މާލޭގެ މަގުތަކަށް ދިމާވެފައި އޮތް ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދީ ރައްޔިތުންނަށް ކުރިމަތިވާ އުނދަގޫތަކުން ރައްޔިތުން ސަލާމަތްކޮށްދިނުމެވެ. އެގޮތުން ފެންބޮޑުވުމުގެ މައްސަލައާއި ޕާކިންގެ މައްސަލައާއި މަގުތަކުގެ ޓްރެފިކް ލުއިވާނެ ގޮތަކަށް ބަދަލުތައް ގެނެސް ވަކި ތަރުތީބަކުން މާލޭގެ މަގުތައް ބައްޓަންކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަކީ އާރް.ޑީ.ސީގެ އަމާޒެވެ.