ޚަބަރު

ޖެޓް ފިއުލް ވިއްކުން ކޮންޓްރޯލްކުރި ނަމަވެސް ފްލައިޓް އޮޕަރޭޝަންތައް މެނޭޖްކުރެވޭނެ: އެމްއޭސީއެލް


ޖެޓް ފިއުލް ވިއްކުން ކޮންޓްރޯލް ކުރިނަމަވެސް ފްލައިޓް އޮޕަރޭޝަންތައް އެއްވެސް ހުރަހަކާނުލާ މެނޭޖްކުރެވޭނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ވިދާޅުވެއްޖެއެވެ.

އެކުންފުނިން މިހެން ވިދާޅުވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ އާއި ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން (އެސްޓީއޯ) ގުޅިގެން ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސްއެއްގައެވެ.

އެމްއޭސީއެލްގައި ކުރިއަށްދިޔަ މި ޕްރެސް ކޮންފަރެސްއަކީ ޖެޓް ފިއުލް ލިބުމުގައި ހުރި ދަތިތަކާއި ގުޅިގެން ބާއްވާފައިވާ ޕްރެސް ކޮންފަރެންސްއެކެވެ.

ޖެޓް ފިއުލް ލިބުމުގައި ހުރި ދަތިތަކާއި ގުޅިގެން އެމްއޭސީއެލްގައި ބޭއްވި މިޕްރެސްކޮންފަރެންސްގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޠާހާ ވިދާޅުވީ އެކުންފުނީގެ ފިއުލް ކެޕޭސިޓީއަކީ 13 މިލިއަން ލީޓަރުގެ ކެޕޭސިޓީއެއް ކަމަށާއި، މިދުވަސްކޮޅު ފްލައިޓްތައް އިތުރުވެފައިވާތީ އިތުރަށް ތެޔޮ ބޭނުންވާކަމަށެވެ. އެހެންނަމަވެސް ތެލުގެ ޝިޕްމަންޓް ލިބެންދެން މެނޭޖްކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސްރީލަންކާގެ ކޮލަމްބޯ އެއަރޕޯޓުން މިވަގުތު ޖެޓް ފިއުލް ލިބެން ނެތުމުން ވީއައިއޭއިން ފިއުލް ނަގާ ވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާކަން ފާހަގަކުރައްވާ ޠާހާ ވިދާޅުވީ މިއީ ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެހެންނަމަވެސް ކޮންޓްރޯލްޑް ނިޒާމެއްގެ ތެރެއިން އެހެން އެއަރލައިންތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމީހުންވެސް މާލެ އަންނަ ކޮންމެ ފަހަރަކު އަޅުގަނޑުމެން އަތުން ވަރަށް ބައިވަރު ތެޔޮ ނަގާ. އަޅުގަނޑުމެންގެ ދެން އަންނަ ޝިޕްމަންޓް އަންނަން ވާއިރަށް އަޅުގަނޑުމެން މި ވަރަށް ބޮޑަށް މެނޭޖްކުރަމުން މިދަނީ. މިހާރު މިޖައްސާ ފުރާ ހުރިހާ ފްލައިޓްތަކަށް އަޅުގަނޑުމެން ތެޔޮ ފޯރުކޮށްދެމުން އެބަ ދަން. އެހެންނަމަވެސް ލިމިޓެއް ނެތް ވަރަކަށް އަޅުގަނޑުމެންނަކަށް ތެޔޮ ދޫކުރެވޭކަށް ނެތް. އެއީ އަޅުގަނޑުމެން މިހާރު މިކުރާ ކަމަކީ." އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޠާހާ ވިދާޅުވިއެވެ.

މިޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ ތެޔޮ ލޯޑް ކުރުމަކީވެސް ވަރަށް ގިނަ ވަގުތުތައް އެކަމަށް ހޭދަވާ ކަމެއްކަމަށާއި އެއްމަސް ކުރިން އެކަން ކުރުމަށް އަންގަން ޖެހޭނެކަމަށެވެ. އަދި މިކަމަށް ދިމާވާ ދަތިތަކާއިހުރެ ޑިލޭތަކެއް ހުރި ނަމަވެސް އެއީ މައްސަލައެއް ނޫންކަމަށާއި އަދި އެއީ މީގެ ކުރިންވެސް ދިމާވާ ކަމެއްކަމަށް އަމްރު ވިދާޅުވިއެވެ.

"ރަޝިޔާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ވަރަށް ގިނަ ބޯޓްތަކެއް ޑައިވާޓް ކުރަން މިޖެހެނީ މިޑްލް އީސްޓަށް. ބޯޓްތައް ގޮސްފަވެސް ތެޔޮ އަޅަންވެސް އެބަދޭ 8 ގަޑިއިރު ނުވަތަ 12 ގަޑިއިރުވެސް ބޯޓު ލޯޑްކުރަން. އެހެންވީމަ ފުލުފުލުގަ ބޯޓު އޮންނައިރު އަޅުގަނޑުމެންނަށްވެސް ކައިރި ނުކުރެވިފަ ދެ ތިން ދުވަސް އެބަދޭ. އަނެއް ކަމަކީ މޫސުން ގޯސްވާނަމަވެސް އެއީ ދިމާވާ ބޮޑު ގޮންޖެހުމެއް މިކަމުގެ ސަބަބުންވެސް އެބައާދޭ ޑިލޭއެއް. އެހެންވީމަ އަދި 4، 5 ދުވަސް ލަސްވިޔަކަސް އެއީ މައްސަލައެއް ނޫން. މީގެ ކުރިން ވެސް ދިމާވާ މައްސަލައެއް އެއީ ހަމަ" އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފައިވާއިރު މިހާރު ޕެޓްރޯލް ލީޓަރެއް ލިބޭނީ 16.55 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް ލިބޭނީ 16.77 ރުފިޔާއަށެވެ. މިފަހަރު އަގަށް އައި ބަދަލާއެކު ޕެޓްރޯލް ލީޓަރަކުން 1.95 ރުފިޔާ އަދި ޑީސަލް ލީޓަރަކުން 1.97 ރުފިޔާ ވަނީ ބޮޑުވެފައެވެ.