ކުޅިވަރު

ދެވަނަ ޑިވިޝަނުގައި ނިއު ރޭޑިއަންޓާއި ވިކްޓަރީ އެއް ގްރޫޕަކަށް


އަންނަ ހަފުތާގައި ފެށުމަށް ތައްޔާރުވަމުންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ދެ ބާރު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓަރީ ސްޕޯޓްސް ކުލަބު އެއް ގްރޫޕެއްގައި ހިމެނިއްޖެއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކުރާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުގައެވެ. މި މުބާރާތުގައި ޖުމްލަ 16 ޓީމެއް ވާދަކުރާއިރު، މި ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ.

މުބާރާތުގެ ގުރުލުން އަންގާރަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްގެންދިޔައިރު، ނިއު ރޭޑިއަންޓާއި ވިކްޓަރީ ލައްވާލީ ގްރޫޕް ދޭއްގައެވެ. އެ ގްރޫޕުގައި ދެން ހިމެނޭ ޓީމުތަކަކީ މަހިބަދޫ ސްޕޯޓްސް ކުލަބާއި، ބީޖީ ސްޕޯޓްސް ކުލަބާއި، ކުލަބު އޯވަންއޯ އާއި، ކުލަބު ޓީނޭޖާއި، އެލްޓީ ސްޕޯޓްސް އަދި ލޮރެންޒޯ ސްޕޯޓްސް ކުލަބެވެ.

ގްރޫޕް އެކެއްގައި ހިމެނޭ ޓީމުތަކަކީ ޓެންޓް ސްޕޯޓްސް ކުލަބާއި، ކުލަބު ޕީކޭ، ދިވެހި ސިފައިންގެ ކުލަބާއި، ކުޑަ ހެންވޭރު ޔުނައިޓެޑާއި، ބިސްބުރު ސްޕޯޓްސް ކުލަބާއި، ޖޭޖޭ ސްޕޯޓްސް އާއި، ބުރު ސްޕޯޓްސްގެ އިތުރުން ކެޕިޓަލް ސިޓީއެވެ.

ދެވަނަ ޑިވިޝަނުގެ ތާވަލުގައިވާ ގޮތުން ނިއު ރޭޑިއަންޓާއި ވިކްޓަރީ ބައްދަލުކުރާ މި ތާރީހީ މެޗު އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭގަނޑު ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. މި ދެ ޓީމުގެ ތެރެއިން ނިއު ރޭޑިއަންޓް އެންމެފަހުން ރަސްމީ މެޗެއް ކުޅުނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. އަދި ވިކްޓަރީ ރަސްމީ މެޗެއް ކުޅުނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.

ދެ ކުލަބަކީވެސް ރާއްޖޭގެ ފުޓުބޯޅައިގައި މީގެކުރިން ރަސްކަންކޮށްފައިވާ ދެ ކުލަބެވެ. ދެ ކުލަބުންވެސް މިހާރު އެ ކުލަބުތަކުގެ ދަރަނި ދައްކައި ސަސްޕެންޝަނުން ސަލާމަތްވިއިރު، ވިކްޓަރީގެ ސަސްޕެންޝަން އުވާލާފައިވަނީ މިދިޔަ ޖޫން މަހުގެ ހަވަނަ ދުވަހު އެފްއޭއެމުގެ ކޮންގްރެސްގައެވެ. އަދި ނިއު ރޭޑިއަންޓްގެ ސަސްޕެންޝަން އުވާލީ މިދިޔަ ހަފުތާގެ ތެރޭގައެވެ.

ދެވަނަ ޑިވިޝަނުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ގައުމީ ފުޓްބޯޅަ ދަނޑާއި ޓާފް ދަނޑުގެ އިތުރުން ވިލިމާލޭގައި ދާދިފަހުން ހުޅުވި ޓާފް ދަނޑުގައެވެ. މުބާރާތް ރޭވިފައިވާ ގޮތުން ދެ ގްރޫޕުން އެންމެ ގަދަ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ސެމީ ފައިނަލަށް ފަހު ފައިނަލަށް ހޮވޭ ދެ ޓީމު ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނަށް ހޮވޭނެއެވެ.