ޚަބަރު

އެމެރިކާގެ މިނިވަން ދުވަހުގެ އިޙުތިފާލުތަކުގެ ތެރެއިން ދިން ބަޑީގެ ހަމަލާތަކެއްގައި ބަޔަކު މަރާލައިފި


އެމެރިކާގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް ޗިކާގޯގައި ބޭއްވި އިޙުތިފާލުތަކުގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އެއްވެފައިވާ ތަނަކަށް ދިން ބަޑީގެ ހަމަލާތަކެއްގައި ހަ މީހަކު މަރާލައިފިއެވެ. ޗިކާގޯގެ ރަށެއް ކަމުގައިވާ ހައިލެންޑްޕާކުގެ މަގެއްގެ މަތީގައި ޕެރޭޑެއް ކުރިއަށްދިޔަ ވަގުތު، ފުރާޅެއްގެ މަތީގައި ހުރެ، އެއްވެފައިވާ ޢާންމުންނަށް އަމާޒުކޮށް ބަޑިޖަހައި ދިން މި ހަމަލާގައި އިތުރު 36 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ.

މި ހަމަލާއާ ގުޅިގެން 22 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ޗިކާގޯގެ ފުލުހުން ބުނެއެވެ. އެއީ ރޮބަރޓް އީ. ކްރީމޯ ކިޔާ މީހެއް ކަމަށާއި، އޭނާއަކީ އެ ސަރަޙައްދުގެ ރައްޔިތެއް ކަމުގައި ވެސް ފުލުހުން ބުނެއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ބަޑީގެ ހަމަލާތައް ދިނުމަށް ފަހު ކާރެއްގައި ފިލަން މަސައްކަތް ކުރަމުން ދަނިކޮށެވެ.

އެއްވެފައިވާ މީހުންގަނޑުގެ ތެރެއަށް އޭނާ 200 ފަހަރު ބަޑި ޖަހާފައިވާ ކަމަށް މަންޒަރު ފެނުނު މީހުން ބުނެއެވެ. މި ހާދިސާގައި ޒަޚަމްވި 36 މީހުންގެ ތެރެއިން ގިނަ މީހުންގެ ހަށިގަނޑަށް ވަޒަން އަރާފައިވެއެވެ. އަދި، 26 މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހުނެވެ. މީގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

އެމެރިކާގައި ޢާންމުންގެ އަމާޒުތަކަށް ދޭ މި ފަދަ ހަމަލާތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. މި އަހަރުގެ މޭ މަހުގެ 24 ވަނަ ދުވަހު ޓެކްސަސްގެ އުވާލްޑީގައި ދިން މި ފަދަ ހަމަލާއެއްގައި ސްކޫލެއްގެ 19 ދަރިވަރުންނާއި ދެ މުދައްރިސުން މަރައިލިއެވެ. އަދި، ނިއުޔޯކުގެ ފިހާރައެއްގެ ތެރޭގައި އެ މަހުގެ 14 ވަނަ ދުވަހު ދިން ބަޑީގެ ހަމަލާއެއްގައި 10 މީހުން މަރައިލިއެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ހިތާމަ ފާޅު ކުރައްވާފައެވެ. ވިދާޅުވީ، މިއީ އެމެރިކާގެ މިނިވަން ދުވަހުގެ އުފާވެރި އިޙުތިފާލުތަކަށް އަނދިރި ކަން ގެނުވި ދުވަހެއް ކަމުގައެވެ. އަދި، ޢާންމުންގެ މީހުންނަށް ބަޑި ގެންގުޅުމަށް އެ ޤައުމުގެ ޤާނޫނުން ދޭ ހައްޤު ހަނިކޮށް، މި ފަދަ ހާދިސާތައް މަދު ކުރުމަށް އޭނާ ކުރަމުންދާ މަސައްކަތްތަކަށް ހުއްޓުމެއް ނުގެންނާނެ ކަމުގައެވެ.
ހުސްވި ޖޫން މަހުގެ ތެރޭގައި ބައިޑަން ވަނީ، ޢާންމުންނަށް ހަތިޔާރު ގެންގުޅުމަށް ޤާނޫނުން ދީފައިވާ ޙައްޤު ހަނިކުރާ ބިލެއް ފާސްކޮށްފައެވެ. މިއީ، 30 އަށް އަހަރުގެ މުއްދަތަކަށް ފަހު، މި ފަދަ ބިލެއް ފާސްކޮށް، ތަސްދީޤު ކޮށްފައިވާ ފުރަތަމަ ފަހަރެވެ.

ހަތިޔާރު ގެންގުޅުމުގެ ޙައްޤު ހަނިކުރުމަށް ބައިޑަންގެ ޑިމޮކްރެޓިކް ޕާޓީން މަސައްކަތްތަކެއް ކުރާތާ އަހަރުތަކެއް ފާއިތުވެފައި ވާއިރު، މިއީ ރިޕަބްލިކަން ޕާޓީން ޤަބޫލުކުރާ ބަދަލެއް ނޫނެވެ. ނަމަވެސް، މި ފަދަ ބިލެއް ވުޖޫދުކޮށްފައި މި ވަނީ ދާދި ފަހުން އެ ޤައުމުގައި ދިން ބަޑީގެ ހަމަލާތަކެއްގައި ޢާންމުންގެ ގިނަ އަދަދެއްގެ ބަޔަކު މަރައިލާފައިވާ ދަނޑިވަޅެއްގައެވެ.

މި ބިލު ތަސްދީޤު ކޮށްފައި މި ވަނީ، އެމެރިކާގެ ޢާންމު ރައްޔިތުންގެ ތެރެއިން ހަތިޔާރު ގެންގުޅޭ މީހުންގެ ޙައްޤުތައް އިތުރަށް ފުޅާ ކުރަން އެ ޤައުމުގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ވެސް ދަނޑިވަޅެއްގައެވެ. އެ ކަމަށް ބައިޑަން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި، އެއީ ވަރަށް ހިތާމަވެރި ނިންމުމެއްގެ ގޮތުގައި ބައިޑަން ސިފަ ކުރައްވައެވެ.