ޚަބަރު

އީ.ޔޫ.އިން ނައިޖީރިޔާއަށް 1.3 ބިލިޔަން ޑޮލަރު ދެނީ


ނައިޖީރިޔާގެ އިޤްތިޞާދު އާރާސްތު ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެ ޤައުމަށް 1.3 ބިލިޔަން ޑޮލަރު ދިނުމަށް ވިލާތުގެ އިއްތިހާދު (އީ.ޔޫ) އިން ނިންމައިފިއެވެ. ނައިޖީރިޔާއަކީ އެފްރިކާ ބައްރުގެ ޤައުމުތަކުގެ ތެރެއިން އެންމެ އާބާދީ ބޮޑު އެއް ޤައުމެވެ.

މި ފައިސާ ޚަރަދު ކުރާނީ ތެލުގެ އެކްސްޕޯޓަށް އެ ޤައުމުގެ އިޤްތިޞާދު ބަރޯސާ މިންވަރު ކުޑަކޮށް، އިޤްތިޞާދު ސިންދަފާތު ކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށެވެ. އެ ޤައުމުގެ އުފެއްދުންތެރި ކަމުގެ 7 އިންސައްތަ ހިއްސާ ކުރަނީ ތެލުގެ ވިޔަފާރިއެވެ. އަދި، އެ ޤައުމަށް ވަންނަ ބޭރު ފައިސާގެ 90 އިންސައްތަ ލިބެނީ ވެސް ތެލުގެ އުފެއްދުންތައް އެކްސްޕޯޓް ކޮށްގެންނެވެ.
އީ.ޔޫ.ޢިން ނައިޖީރިޔާއަށް މި ފައިސާ ދޫކުރުމަށް ނިންމާފައި ވަނީ އެ އިއްތިހާދުގެ ގްރީން ޑީލް ޕުރޮގުރާމުގެ ތެރެއިން ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކު (އީ.އައި.ބީ) މެދުވެރިކޮށެވެ. މި ކަމާ ގުޅޭ ގޮތުން އީ.ޔޫ.އާއި ނަރިޖީރިޔާއާ ދެމެދު 2027 ވަނަ އަހަރަށް ދެމިގެންދާނެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

މި ފައިސާ ޚަރަދު ކުރާނެ ބައެއް ދާއިރާތަކުގެ ތެރޭގައި ދަނޑުވެރިކަމުގެ ސިނާއަތް ފުޅާ ކުރުމާއި، ތިމާވެއްޓާއި ރަހުމަތްތެރި ހަކަތަ އުފެއްދުމުގެ ސިނާއަތް އިތުރަށް ހަރުދަނާ ކުރުން ހިމެނެއެވެ. މީގެ އިތުރުން، ނައިޖީރިޔާގެ ރަށްފުށުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަށް ބޮޑެތި ރަށްތަކަށް ދަތުރުކުރުމުގައި ހުރި ހުރަސްތައް ނައްތައިލުމަށް މަގުތައް ރަނގަޅު ފެންވަރަކަށް ހެދުން ވެސް ހިމެނެއެވެ.
މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ކުރާ އަސަރު ކުޑަ ކުރުމަށް ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ގަސް ކެނޑުން މަދު ކުރުމާއި ކުނިން ހަކަތަ އުފެއްދުން ފަދަ ދާއިރާތަކުން ހިންގާ 57 ތަފާތު މަޝްރޫޢަކަށް އީ.އައި.ބީ.ގެ ޕުރޮގުރާމުގެ ދަށުން ފައިސާ ލިބޭނެ ކަމަށް ވެސް އީ.ޔޫ.އިން ބުނެއެވެ.