ޚަބަރު

އިޓަލީވިލާތުގައި ކޯރެއް ހަނަފަސްވެ ކުއްލި ހާލަތު އިޢުލާނުކޮށްފި


އިޓަލީވިލާތުގެ އެންމެ ބޮޑު އެއް ކޯރު ކަމުގައިވާ ޕޯގެ ގިނަ ސަރަޙައްދުތަކެއް ހަނަފަސްވެ، އެ ކޯރުގެ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ކުއްލި ހާލަތު އިޢުލާނު ކޮށްފިއެވެ. ހަނަފަސްވެ، އެ ކޯރުގެ ބޮޑު ބަޔަކުން ފެންގަނޑު ހިނދުމާ ގުޅިގެން އެ ޤައުމުގެ ދަނޑުވެރިކަމުގެ ސިނާޢަތަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. އެ ޤައުމުގެ ދަނޑުވެރިންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުން މި ކޯރުގެ ފެނަށް ބަރޯސާވެއެވެ.

ޕޯއަކީ އިޓަލީ ވިލާތުގެ އެންމެ ދިގު ކޯރެވެ. 650 ކިލޯމީޓަރުގެ ދިގު މި ކޯރުގެ ފެންގަނޑު ހިނދެން ފެށުމުން، ދަނޑުބިންތަކަށް ލޮނުގެ އަސަރު ފޯރާ މިންވަރު ވަނީ އިތުރުވެފައެވެ. އަދި، މި ކަމާ ގުޅިގެން ގިނަ އަދަދެއްގެ ދަނޑުބިންތައް ވަނީ ހަލާކުވެފައެވެ.

މި ކޯރުގެ ސަރަޙައްދުތައް ހަނަފަސްވާން ފަށާފައިވާތާ މިހާރު 70 އަހަރު ވެއްޖެއެވެ. އެ ސަރަޙައްދުތަކުގައި ކުއްލި ހާލަތު އިޢުލާނު ކުރުމާ އެކު، ހަނަފަސްކަމާ އެކު އެ ސަރަޙައްދުގެ ދަނޑިވެރިންނަށް ކުރަމުންދާ އަސަރުތައް ކުޑަ ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް މަގުފަހިވާނެއެވެ.

މީގެ ތެރެއިން ބައެއް ފިޔަވަޅުތަކުގެ ތެރޭގައި ޢާންމުންގެ ގެދޮރާއި ވިޔަފާރިތަކުން ބޭނުން ކުރާ ފެނުގެ މިންވަރު ކޮންޓްރޯލް ކުރުން ހިމެނެއެވެ. އަދި، ކޯރުގެ ފެންގަނޑު ހިކުމާ ގުޅިގެން އަސަރު ކޮށްފައިވާ ފަރާތްތަކާށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޤައުމުގެ ސަރުކާރުން ވަނީ 38 މިލިޔަން ޑޮލަރު ކަނޑައަޅާފައެވެ. އެ ޤައުމުގެ ބޮޑުވަޒީރު މާރިއޯ ޑްރާގީ ވަނީ، ހަނަފަސްކަމުގެ ގެއްލުން ކުޑަ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ވިލަރެސް ކުރުމަށް ޚާއްޞަ ކޮމިޝަނަރެއް ޢައްޔަން ކުރައްވަން ވެސް ނިންމަވާފައެވެ.