ޚަބަރު

ކޯޕެންހޭގަންގައި ހަމަލާދިނީ ނަފްސާނީ ބަލީގެ މީހެއް: ޑެންމާކް


ޑެންމާކުގެ އެންމެ ބޮޑު ރަށް ކަމުގައިވާ ކޯޕެންހޭގަންގެ ޝޮޕިންގް މޯލެއްގެ ތެރޭގައި ބަޑީގެ ހަމަލާތަކެއް ދީ ތިން މީހުން މަރައިލި މީހަކީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަމުންދާ ބަލި މީހެއް ކަމަށް ބުނެ، އޭނާގެ ހައްޔަރު އެ ފަދަ ބަލިތަކުގެ ފަރުވާދޭ މަރުކަޒަކަށް ބަދަލު ކުރަން އެ ޤައުމުން ނިންމައިފިއެވެ.

މި ހަމަލާ ދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ 22 އަހަރުގެ ފިރިހެނެކެވެ. އޭނާ ޝޮޕިންގް މޯލަށް ވަދެ އެސޯލްޓް ރައިފަލްއަކުން ދިން ހަމަލާތަކުގައި ހަތް މީހުން ޒަޚަމްވިއެވެ.
އޭނާއަކީ ނަފްސާނީ ބައްޔެއް ތަހައްމަލު ކުރަމުންދާ މީހަކަށްވާތީ، ކޯޓުން ވަނީ އޭނާގެ ނަން ހާމަ ކުރަން ވެސް ދެކޮޅު ހަދާފައެވެ. އަދި، މިއީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ނުދެކޭ ކަމަށް ވެސް ކޯޓުން ބުންޏެވެ. ޑެންމާކުގެ ފުލުހުން ބުނީ، މި ހަމަލާ ރާވައި ހިންގުމުގައި އިތުރު މީހަކު ބައިވެރިވެފައިވާ ކަމުގައި ނުބެލެވޭ ކަމުގައެވެ.

މި ހާދިސާގައި މަރުވެފައި ވަނީ 17 އަހަރުގެ ދެ ކުދިންނާއި 47 އަހަރުގެ މީހެކެވެ. އަދި، ހަތް މީހެއްގެ ހަށިގަނޑަށް ވަޒަން އެރުމުގެ ސަބަބުން ފަރުވާ ދޭން ޖެހިފައިވާ އިރު، އިތުރު ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބުނެވެ. މީގެ ތެރޭގައި އެ ތަނުން ފިލަން މަސައްކަތް ކުރި 20 މީހަކު ހިމެނެއެވެ.
މި ހަމަލާ ދީފައި ވަނީ، ޝޮޕިންގް މޯލާ ކައިރި ސަރަޙައްދެއްގައި ބާއްވަން އުޅުނު ކޮންސެޓެއްގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ޒުވާނުންތަކެއް އެ ސަރަޙައްދަށް ޖަމާވެފައިވާ ވަގުތެއްގައެވެ. އަދި، އެ ވަގުތު ޝޮޕިންގް މޯލް ތެރޭގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ތިއްބެވެ. އެ ކޮންސެޓަކީ އިނގިރޭސި ވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް ބައިވެރިވާން ހަމަޖެހިފައި އޮތް ކޮންސެޓެކެވެ. ނަމަވެސް، ބަޑީގެ ހަމަލާތަކާ ގުޅިގެން ސްޓައިލްސް ވަނީ ކޮންސެޓުގައި ބައިވެރި ނުވާނެ ކަމަށް ބުނެފައެވެ.