ޚަބަރު

ޝީރީން މަރުވީ އިސްރާޢީލުގެ ބަޑީގެ ހަމަލާއެއްގައި: އެމެރިކާ


އަލްޖަޒީރާގެ ނޫސްވެރިއެއް ކަމުގައިވާ ޝީރީން އަބޫ އަކްލަޙް މަރުވެފައި ވަނީ އިސްރާޢީލު ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި ކަމަށް ބެލެވޭ ކަމުގައި އެމެރިކާއިން ބުނެފިއެވެ. ޝީރީން މަރައިލާފައި ވަނީ އިސްރާޢީލުން ހުޅަނގު އައްސޭރީގެ ޖެނިންނަށް އަރައި ހިންގަމުން ދިޔަ އުދުވާންތަކެއް ރިޕޯޓު ކުރަމުން ދަނިކޮށް، މޭ މަހުގެ 11 ވަނަ ދުވަހުއެވެ.

އޭނާ މަރުވީ އިސްރާޢީލު ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި ކަމަށް ފަލަސްތީނުން ބުނި ނަމަވެސް، އިސްރާޢީލުން ވަނީ އެ ކަން ދޮގުކޮށްފައެވެ. އަދި، އޭނާގެ ހަށިގަނޑަށް އެރި ވަޒަން އިތުރަށް ތަހުލީލު ކުރަން ބޭނުންވާ ކަމަށް ބުނެ، އެ ވަޒަން އެ ޤައުމާ ހަވާލު ކުރަން އިސްރާޢީލުން އެދުނެވެ. ނަމަވެސް، ފަލަސްތީނުން ބުނީ އިސްރާޢީލުން ކުރާ ތަހުޤީޤަކަށް އިތުބާރު ނުކުރެވޭ ކަމުގައެވެ. އަދި، އެންމެ ފަހުން ވަޒަނުގެ ތަހުލީލުތައް ހަދާފައި މި ވަނީ އެމެރިކާއިންނެވެ.

ތަހުލީލުތަކަށް ފަހު އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ، ޝީރީން މަރުވެފައިވާ ކަމަށް ބެލެވެނީ އިސްރާޢީލު ސިފައިންގެ މީހަކު ދީފައިވާ ހަމަލާއެއްގައި ކަމަށް ބެލެވުނު ނަމަވެސް، އެ ވަޒަނަށް ވަރަށް ބޮޑަށް ގެއްލުންވެފައި ވާތީ، އެ ކަން ކަށަވަރު ކުރުމަށް ހުރަސްތަކެއް ކުރިމަތިވި ކަމުގައެވެ. އަދި، މިއީ ގަސްދުގައި ދީފައިވާ ހަމަލާއެއްގެ ގޮތުގައި ނުބެލެވޭ ކަމުގައި ވެސް އެމެރިކާއިން ބުނެއެވެ. އެމެރިކާއިން މިހެން ބުނެފައި މި ވަނީ، އިސްރާޢީލުގެ ދިފާޢުގައި، ޝީރީންގެ މަރުން އިސްރާޢީލު ސިފައިން ބަރިއްޔަވުމަށް އެހީތެރިވުމުގެ ނިޔަތުގައި ކަމަށް ޤަބޫލު ކުރެވެއެވެ.

މި ކަމާމެދު ފަލަސްތީނުގެ ޕްރޮސިކިއުޓަރ ޖެނެރަލް އަކްރަމް އަލްކާތިބު ވިދާޅުވީ، އެމެރިކާއިން ވެސް އިސްރާޢީލުގެ ފަޅިއަށް އަރައި، އޮޅުވައިލާން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، އެ ވަޒަނަށް ގެއްލުންވެފައި ނުވާ ކަމަށާއި، ޝީރީންގެ މަރުގެ މައްސަލަ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގައި އުފުލުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.