ޚަބަރު

ފުލުހުން އަނެއްކާވެސް އެމެރިކާގެ ކަޅު ނަސްލުގެ މީހަކު މަރާލައިފި


އެމެރިކާގެ އޮހާޔޯގެ ފުލުހުން ކަޅު ނަސްލުގެ މީހަކަށް ބަޑިން ހަމަލާދީ މަރައިލައިފިއެވެ. މި ހާދިސާގެ ވީޑިޔޯތައް ޢާންމުކޮށްފައި ވާއިރު، ވީޑިޔޯއިން ފެންނަނީ 25 އަހަރުގެ ޖެއިލެންޑް ވޯކަރ ފުލުހުންގެ ޓްރެފިކް ޗެކްޕޮއިންޓަކަށް މަޑު ނުކޮށް ދުއްވާފައި ދާ މަންޒަރެވެ. އަދި، އެއަށްފަހު އޭނާ ކާރުން ފައިބައިގެން ދުއްވައިގަތް މަންޒަރާއި، ފުލުހުން އޭނާއަށް ހަމަލާދީ މަރައިލާ މަންޒަރު ފެނެއެވެ.

އޮހާޔޯގެ އެކްރޯންގައި ހިނގި މި ހާދިސާގައި، ވޯކަރއަށް ހަމަލާ ދިނުމުގައި ފުލުހުންގެ އަށް މީހުން ބައިވެރިވިއެވެ. އޭނާގެ ހަށިގަނޑުގެ 60 ތަނަކަށް ވަޒަން އަރާފައިވެއެވެ. ފުލުހުން ބުނީ ވޯކަރ ދުއްވަމުން ދިޔަ ކާރު ހުއްޓުވަން މަސައްކަތް ކޮށްފައި ވަނީ އެއްގަމު އުޅަނދު ދުއްވުމުގެ ޤަވާޢިދާ ޚިލާފުވެގެން ކަމުގައެވެ. އަދި، ފުލުހުން އެދުމުން ކާރު ނުހުއްޓައި، ކާރު ތެރޭގައި އިނދެފައި ވޯކަރ ހަތިޔާރެއް ބޭނުންކޮށްގެން ފުލުހުންނަށް ހަމަލާދީފައިވާ ކަމަށް ވެސް ތުހުމަތު ކުރިއެވެ.
ފުލުހުން ބުނީ، ވޯކަރއަށް ހަމަލާދީފައި ވަނީ ކާރު ހުއްޓުމަށް ފަހު ކާރުން ފައިބާ އޭނާ ފުލުހުންނަށް ބަޑިން ހަމަލާދިނުމަށް މަސައްކަތް ކުރުމުން ކަމުގައެވެ. އަދި، އޭނާ ދުއްވާފައި ދިޔަ ކާރުގެ ތެރެއިން ބަޑިއެއް ފެނުނު ކަމަށް ވެސް ފުލުހުން ބުނެއެވެ.

ވޯކަރގެ މަރުގެ މައްސަލައިގައި ދަޢުވާ ކުރުމަށް އޭނާގެ ޢާއިލާއިން އެކުލަވައިލާފައިވާ ލޯޔަރުންގެ ޓީމުގައި ހިމެނޭ ބޮބީ ޑިސެލޯ ވަނީ ވޯކަރގެ މަރަކީ ގަތުލެއްގެ ގޮތުގައި ސިފަ ކޮށްފައެވެ. ވޯކަރގެ މަރާ ގުޅިގެން އެތައް ސަތޭކަ ބަޔަކު ވަނީ އޭނާއަށް އިންސާފު ހޯދައިދިނުމަށް ގޮވައިލާ މަގުތަކަށް ނިކުމެފައެވެ. ޑިސެލޯ ވަނީ، މުޒާހަރާތައް ޞުލްޙަވެރިކަމާ އެކު ކުރިއަށް ގެންދިޔުމަށް އިލްތިމާސް ކޮށްފައެވެ.

އެކްރޯންގެ ސިޓީ ހޯލް ކައިރީގައި ބޭއްވި މުޒާހަރާއެއްގައި 200,000 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. ގިނަ އިރުތަކެއް ނުވެ، އެކްރޯންގެ ފުލުހުން ވަނީ އެ މުޒާހަރާއަކީ ޤާނޫނާ ޚިލާފު މުޒާހަރާއެއް ކަމަށް ނިންމައި، ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅައިލާފައެވެ. އަދި، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ކަރުނަ ގޭސް ފަދަ ހަތިޔާރު ބޭނުން ކުރިއެވެ.

ކަޅު ނަސްލުގެ މީހުންނަށް އަމާޒުކޮށް އެމެރިކާގެ ފުލުހުން ދޭ މިފަދަ ހަމަލާތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. 2020 ވަނަ އަހަރު ހިނގި މި ފަދަ ހާދިސާއެއްގައި ޖޯޖް ފްލޮއިޑް މަރައިލުމާ ގުޅިގެން، އެ ޤައުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާ ފުލުހުންނާ ދެކޮޅަށް މުޒާހަރާ ކޮށްފައިވެއެވެ. އަދި، ނަސްލީ އިމްތިޔާޒުތައް ދޫކޮށްލުމަށް ގޮވައިލާ އަޑު އުފުލާފައިވެއެވެ.

ވޯކަރގެ ހަށިގަނޑަށް އަރާފައިވާ ވަޒަންތަކުގެ އަދަދު ކަށަވަރު ކުރަން އެކްރޯންގެ މެޑިކަލް އެގްޒޭމިނަރ ދަނީ މަސައްކަތް ކުރަމުންނެވެ. އެކްރޯންގެ ފުލުހުންގެ އިސްވެރިޔާ ސްޓީވަން މިލެޓް ބުނީ، ވޯކަރއަށް ބަޑިން ހަމަލާދިނުމަށް ފަހު، ފުރަތަމަ-އެހީ ދީގެން އޭނާގެ ފުރާނަ ސަލާމަތް ކުރެވޭތޯ ފުލުހުން މަސައްކަތް ކުރި ކަމުގައެވެ. މި ހާދިސާގައި ބައިވެރިވެފައިވާ ފުލުހުންގެ އަށް އޮފިސަރުން މިހާރު ސަސްޕެންޑު ކޮށްފައި ވާ ކަމުގައި ވެސް އޭނާ ބުންޏެވެ.

ވޯކަރ މަރައިލުމުގައި ޒިންމާވާ ފުލުހުން ދިފާޢު ކުރަމުން މިލެޓް ބުނީ ވޯކަރގެ ގަޔަށް ފުލުހުން ބަޑި ޖަހާފައި ވަނީ އޭނާ ފުލުހުންނަށް އަމާޒުކޮށް ބަޑިން ހަމަލާދޭން އުޅުމުން ކަމުގައެވެ. ނަމަވެސް، މި ހާދިސާގެ ފުރިހަމަ ތަހުޤީޤެއް ހިންގަމުންދާ އޮހާޔޯގެ ބިޔުރޯ އޮފް ކްރިމިނަލް އިންވެސްޓިގޭޝަނުން މި ކަން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ.