ޚަބަރު

އެތައް ސަތޭކަ ބަޔަކު ވަޅުލާފައިވާ ބިޔަ ވަޅުތަކެއް ލީބިޔާއިން ހޯދައިފި


އެތައް ސަތޭކަ ބަޔަކު މަރައިލުމަށްފަހު ވަޅުލާފައިވާ ބޮޑެތި ވަޅުތަކެއް ލީބިޔާއިން ފެނިއްޖެއެވެ. މި ވަޅުތައް ފެނިފައި ވަނީ އ.ދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާއިން އިސްވެ ހިންގަމުންދާ ތަހުޤީޤެއްގެ ތެރެއިންނެވެ. މި ވަޅުތައް ފެނިފައި ވަނީ ލީބިޔާގެ ހުޅަނގުގައިވާ ރަށެއް ކަމުގައިވާ ތަރްހޫނާ ކައިރިން ކަމަށް އ.ދ.ގެ މިޝަންގެ ރިޕޯޓެއްގައި ބުނެފައިވެއެވެ. އަދި، މި ފަދަ ސަތޭކައަށްވުރެ ގިނަ އިތުރު ވަޅުތައް ފެނުމުގެ ފުރުޞަތު އޮތް ކަމަށާއި، އެ ތަންތަން ހޯދުމަށް ތުރާބުލުސްގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އ.ދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާއަށް މި ރިޕޯޓު ހުށަހެޅުމަށް މިޝަންއިން ދަނީ ތައްޔާރުވަމުންނެވެ. ތަރްހޫނާއިން ފެނުނު ވަޅުތަކުން މިހާތަނަށް 247 މީހެއްގެ ހަށިގަނޑު ފެނިފައިވެއެވެ. އެ ހަށިތައް ތަހުލީލު ކުރުމުން، އެ މީހުން މަރައިލުމުގެ ކުރިން އިންސާނިއްޔަތާ ޚިލާފު އަނިޔާތައް ދީފައިވާ ކަން ސާބިތުވާ ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. މީގެ ތެރެއިން ގިނަ ހަށިތައް ހުރީ ކަނުބަނދެ، ދެ އަތް ފުރަގަހަށް ބަނދެފައި ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
މަރައިލާފައިވާ މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ވެސް ހިމެނެއެވެ. މި އެންމެން މަރައިލާފައި ވަނީ 2016 ވަނަ އަހަރާއި 2020 ވަނަ އަހަރާ ދެމެދުގައި ކަމަށް ބެލެވެއެވެ.

މި ތަހުޤީޤުގެ ތެރެއިން އ.ދ.ގެ މިޝަނުން ސެޓެލައިޓް މެދުވެރިކޮށް ތަރްހޫނާގެ ގިނަ ސަރަޙައްދުތަކެއް ބަލާފައިވެއެވެ. އަދި، މީހުން ވަޅުލާފައިވާ ކަމަށް ބެލެވޭ އިތުރު ތިން ސަރަޙައްދު ހޯދިފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި، އެ ވަޅުތައް ކޮނެ، އެ ތަނުގައި އިތުރު ބަޔަކު ވަޅުލާފައި ވޭތޯ ބެލުމަށް އެ މިޝަންގެ ޓީމުތަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. މިފަދަ އިތުރު 100 ވަޅު އެ ސަރަޙައްދުގައި ވާނެ ކަމަށް ލަފާކުރެވޭ ކަމުގައި، މި ތަހުޤީޤުގެ މަޢުލޫމާތު އެނގޭ ފަރާތަކުން ބުނެފައިވެއެވެ.

މިއީ، ލީބިޔާގައި ހަރަކާތްތެރިވާ ކާނިޔާތުގެ ނަން ދީފައިވާ ހަތިޔާރު އެޅި ޖަމާޢަތަކުން ހިންގާފައިވާ އަމަލުތަކެއް ކަމަށާއި، އެއީ އެއް ޢާއިލާއެއްގެ ހަތްބެއިން ގުޅިގެން ހިންގާ ޖަމާޢަތެއް ކަމަށް ބެލެވޭ ކަމުގައި ވެސް ރިޕޯޓުގައި ބުނެފައިވެއެވެ. އެ ޖަމާޢަތުގެ އަމަލުތަކަކީ، 2011 ވަނަ އަހަރުގެ ލީބިޔާގެ ކުރީގެ ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީގެ ސަރުކާރު ވައްޓައިލި ފަހުން އެ ޤައުމުގައި އިންސާނީ ހައްޤުތަކުގެ ހާލަތު ގޯސްވެފައިވާ މިންވަރު ހާމަކޮށްދޭ ހޯދުންތަކެއް ކަމުގައި އ.ދ.ގެ މިޝަނުން ބުނެއެވެ.

މި ހޯދުންތަކާ ގުޅޭ ގޮތުން ލީބިޔާގެ ސަރުކާރުން އަދި މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ބުނެވޭ ގޮތުގައި ކާނިޔާތަކީ ގައްޒާފީގެ ސަރުކާރު ވައްޓައިލުމަށް ފަހު އެ ޤައުމުގައި އެކުލަވައިލި ގުޅިފައިވާ ސަރުކާރާ ގުޅުން އޮންނަ ހަތިޔާރު އެޅި ޖަމާޢަތެކެވެ. އަދި، އަހަރުތަކަކަށް ފަހު، އެ ޖަމާޢަތުން ލީބިޔަން ނޭޝަނަލް އާމީއާ ބައިޢަތު ހިފާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ލީބިޔަން ނޭޝަނަލް އާމީއިން އެ ޤައުމުގެ ސަރުކާރު ވައްޓައިލުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. އަދި، ތަރްހޫނާގެ ބާރު ކާނިޔާތު ޖަމާޢަތަށް ގެއްލިފައި ވާއިރު، އެ ޖަމާޢަތުގެ އިސްވެރިން ވަނީ ލީބިޔާގެ އިރުމަތީގެ ސަރަޙައްދުތަކަށް ދަތުރުކޮށް ފިލައިފައެވެ.