ޚަބަރު

ސުޝްމިތާގެ "އާރިއާ" 3 ވަނަ ސީޒަނަކަށް


އެމީ އެވޯޑަށް ނޮމިނޭޓްވެފައިވާ ޑިޒްނީ ޕްލަސް ހޮޓް ސްޓާއިން ދައްކާ "އާރިއާ" ގެ 3 ވަނަ ސީޒަނެއް އުފައްދަން ތައްޔާރު ވެއްޖެއެވެ.

މި ސީރީޒްގެ ޑައިރެކްޓަރު ރާމް މަދުވާނީ ބުނި ގޮތުގައި 3 ވަނަ ސީޒަންގެ ސްކްރީންޕްލޭގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުންނެވެ. އޭނާ ބުނި ގޮތުގައި "އާރިއާ" ގެ 2 ސީޒަނަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާތީ ތިން ވަނަ ސީޒަން ވެސް ވަރަށް ވަރުގަދަ އެއްޗަކަށް ހަދަން މަސައްކަތްކުރާނެ އެވެ.

2020 ވަނަ އަހަރު ގެނެސްދޭންފެށި މި ވެބް ސީރީޒް އަކީ އެކްޓިންއާ ދުރުގައި ހުންނަތާ ގިނަ ދުވަސްތަކެއް ފަހުން ބޮލީވުޑް ބަޠަލާ ސުޝްމީތާ ސެން ކުޅުނު ފުރަތަމަ ވެބް ސީރީޒްއެވެ. 9 އެމިސޯޑާއިއެކު ގެނެސްދިން ފުރަތަމަ ސީޒަންގެ ބޮޑު ކާމިޔާބީއާ ގުޅިގެން "އާރިއާ 2" ގެނެސްދިނީ މިދިޔަ އަހަރު އެވެ.

"އާރިއާ" ގެ ފުރަތަމަ ސީޒަނަކީ އިންޓަނޭޝަނަލް އެމީ އެވޯޑްސްގެ ބެސްޓް ޑްރާމާ ކެޓަގަރީ އަށް ނޮމިނޭޓް ވެސް ވި އެއްޗެކެވެ. އަދި ފުރަތަމަ ސީޒަނުން ސުޝްމިތާ އަށް ފިލްމުފެއާ އޯޓީޓީގެ މޮޅު ބަތަލާގެ އެވޯޑް ވެސް ލިބުނެވެ.

ކެރިއަރުގައި މާ ފާހަގަކޮށްލެވޭ ފިލްމުތަކެއް ކުޅެފައި ނުވާ ސުޝްމިތާގެ އެންމެ ފަހުގެ ބޮލީވުޑް ފިލްމަކީ 2010 ގެ "ނޯ ޕްރޮބްލަމް" އެވެ.

"އާރިއާ" ގެ 3 ވަނަ ސީޒަން ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި ހާމައެއްނުކުރެއެވެ.