ޚަބަރު

"ކޮފީ ވިތު ކަރަން" ގެ ގިފްޓް ހެމްޕާގައި ހުންނަނީ ކޯއްޗެއްކަން އެނގޭތަ؟


މިހާރު ޓްރެއިލާވެސް ދައްކާލާފައިވާ "ކޮފީ ވިތު ކަރަން" ގެ 7 ސީޒަން ފަށަން މިހާރު ވަނީ ތައްޔާރުވެފައެވެ. ޓްރެއިލާ ދައްކާލުމާއިއެކު ބެލުންތެރިން ވަނީ ސީޒަން ފަށާނެ ދުވަހަކަށް އިންތިޒާރުކުރަން ފަށާފައެވެ.

"ކޮފީ ވިތު ކަރަން"ގެ އެންމެ ޚާއްޞަ އެކައްޗަކީ އެޝޯގައި ދޭ ގިފްޓް ހެމްޕާއެވެ. ޝޯގެ ރެޕިޑް ފަޔާ ސެކްޝަނުން މޮޅުވާ މީހަކަށް ދޭ މި ހެމްޕާގައި ހުންނަނީ ކޯއްޗެއްކަން އެނގޭހެއްޔެވެ؟

މި އަގުބޮޑު ލަކްޒަރީ ހެމްޕާގައި ހުންނަނީ ރޯސްޓެޑް ކޮފީ، ކޮފީ ފްރެންޗް ޕްރެސް، ކޮފީ މަގު، ބްރައުނީ، ބްލޫޓޫތް ސްޕީކާ، އައިފޯނު، ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންކުރާ ތަކެތީގެ ވައުޗައެއް، ސައިބޯނި، ހަންގަނޑު ރީތިކުރާ ސާމާނު އަދި ޗޮކްލެޓެވެ.

7 ވަނަ ސީޒަންގެ ޓްރެއިލާ އިން ފެންނަ ގޮތުގައި މިފަހަރު ގެސްޓުންގެ ގޮތުގައި ފެންނާނީ ރަންވީރު ސިންގާއި އާލިއާ ބަޓްއެވެ. އަދި އަކްޝޭ ކުމާރާއި ތަމަޅަ ފިލްމީ ތަރި ސަމަންތާ ރުތު ޕްރަބޫ އެކުގައި ފެންނައިރު އަނިލް ކަޕޫރާ އެކު ޝޯގައި ބައިވެރިވާތަން ޓްރެއިލާއިން ފެންނަނީ ވަރުން ދަވަން އެވެ.

ކިއާރާ އަދުވާނީ ފެންނަނީ ޝާހިދު ކަޕޫރާ އެކުއެވެ. ޓައިގާ ޝްރޮފާއެކު ފެންނާނީ ކްރިތީ ސެނޮންއެވެ. އަދި އަނަންޔާ ޕާންޑޭއާ އެކު ފެންނަނީ ތެލޫގޫ ތަރި ވިޖޭ ދެވަރަކޮންޑާއެވެ. މީގެއިތުރުން ސާރާ އަލީ ޚާނާއި ޖާންވީ ކަޕޫރް އެކުގައިވެސް ޓްރެއިލާ ފެނެއެވެ.

މި ޝޯ ދައްކަން ފަށާނީ މި މަހުގެ 7 ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިންނެވެ.

2004 ވަނަ އަހަރުގެ ނޮވެމްބަރުމަހު ފެށި ކަރަންގެ ޓޯކް ޝޯ "ކޮފީ ވިތު ކަރަން" ގެ 6 ސީޒަނާއިއެކު މުޅިއެކު 12 އެޕިސޯޑު މިހާތަނަށް ވަނީ ދައްކާފައެވެ. މިއީ އިންޑިއާގައި ދެވަނަ އަށް އެންމެ ދިގުކޮށް ގެނެސްދޭ ޓޯކް ޝޯއެވެ. ޝޯ އެންމެފަހުން ނިންމާލާފައިވަނީ 2019 ވަނަ އަހަރުގެ މާރިޗްމަހުއެވެ.