ކުޅިވަރު

ދެވަނަ މެޗުގައި ބޫޓާން އަތުން ރާއްޖެ ބަލިވެއްޖެ


މެލޭޝިއާގައި މިހާރު ކުރިއަށްދާ ކުއަޑްރަންގިއުލާ ޓީ20 ސީރީސްގައި ކުޅުނު ދެވަނަ މެޗުގައި ބޫޓާން އަތުން ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ބަލިވެއްޖެއެވެ.

މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުން ބަލިވީ ބޫޓާން އަތުން ހަ ލަނޑުންނެވެ.

ހޯމަ ދުވަހުގެ ހެނދުނު ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ރާއްޖޭން ނިންމީ އުކުމަށެވެ. އެއާއެކު ބޫޓާނުން އެންމެ ފުރަތަމަ ކުޅެން އަރައި 20 އޯވަރު ހަމަވިއިރު، ނުވަ ކުޅުންތެރިން ނުބައިވެގެން ވަނީ 110 ލަނޑު ހަދާފައެވެ.

ޖަވާބުގައި ރާއްޖޭން ކުޅެން އަރައި 20 އޯވަރު ހަމަވިއިރު، އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 104 ލަނޑެވެ. މި އިނިންގްސްގައި ރާއްޖޭން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 12 ބޯޅައިން 19 ލަނޑު އެއްކުރި މުޙައްމަދު ރިޝްވާނާއި، 34 ބޯޅައިން 17 ލަނޑު އެއްކުރި ޓީމުގެ ކެޕްޓަން ޔޫސުފް އަޒްޔާން ފަރުހަތެވެ.

މި މެޗުން ރާއްޖެ ބަލިވި ނަމަވެސް، މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ވަނީ ހަތް ވިކެޓުން ތައިލެންޑް ބަލިކޮށްފައެވެ. މެލޭޝިއާގައި ކުރިއަށްދާ ކުއަޑްރަންގިއުލާ ސީރީސްގައި ރާއްޖެ އާއި ބޫޓާނުގެ އިތުރުން ދެން ވާދަކުރަނީ ތައިލެންޑް އަދި މެލޭޝިއާއެވެ. މި މުބާރާތުގައި ރާއްޖޭން މިހާތަނަށް ދެ މެޗެއް ކުޅެފައިވާއިރު، ތިންވަނަ މެޗުގައި ބުދަ ދުވަހު ރާއްޖެ ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ މެލޭޝިއާއާ ދެކޮޅަށެވެ. މި މުބާރާތް ކުރިއަށްދަނީ ކޮންމެ ގައުމެއް ކޮންމެ ގައުމަކާ ދެ ފަހަރު ބައްދަލުކޮށް، އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމު ފައިނަލުގައި ވާދަކުރާ ގޮތަށެވެ.

މި މުބާރާތަށް ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ވަނީ ކެޕްޓަނަކަށް ޔޫސުފް އަޒްޔާން ފަރުހަތު ހަމަޖައްސާފައެވެ. އަދި ވައިސް ކެޕްޓަނުގެ މަގާމަށް ހަމަޖައްސާފައިވަނީ އާދަމް ނާސިފް އުމަރު (އާދަޅޭ) އެވެ.

މެލޭޝިއާ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ވަނީ ސްރީ ލަންކާގައި ތަމްރީނު ޓުއާއެއް ފުރިހަމަކޮށްފައެވެ. އެ ޓުއާގައި ޖުމްލަ ހަތް މެޗެއް ކުޅުނުއިރު، ފަސް މެޗުން ރާއްޖެ ވަނީ މޮޅުވެފައެވެ.