ޚަބަރު

އެކްސިޑެންޓުގައި ޒަހަމްވި އެކަކު ނިޔާވެއްޖެ


ބޮޑުތަކުރުފާނު މަގުން ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލްނުވެގެން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވި މީހުންގެ ތެރެއިން އެކަކު ނިޔާވެއްޖެއެވެ.

މާލޭގެ އެކުވެނި ޓްރެކް ސަރަހައްދާއި ކައިރިން ބޮޑުތަކުރުފާނު މަގުން މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު އިރުއޮއްސެނިކޮށެވެ.

މި އެކްސިޑެންޓުގައި ޒަހަމްވި 6 މީހަކަށް ފަރުވާދެމުންދަނިކޮށް، އޭގެތެރެއިން އަންހެނަކު ނިޔާވެފައިވާކަމަށް އައިޖީއެމް ހޮސްޕިޓަލުން މައުލޫމާތުދެއެވެ. ފުލުހުން ވިދާޅުވީ މި އެކްސިޑެންޓުގައި ޒަހަމްވި 6 މީހުންގެ ތެރޭގައި ހިމެނެނީ 4 އަންހެނުންނާއި 2 ފިރިހެނުންނެވެ.

މި އެކްސިޑެންޓުގައި ކޮންޓްރޯލްނުވެގެން އެކްސިޑެންޓްވެފައި ވަނީ ޕްރައިވެޓް ކާރެކެވެ. އެ ކާރު އެއްކޮށް ފުނޑުފުނޑުވެފައިވާއިރު، ބަހުގެ ކުރީކޮޅުވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ފުލުހުން ވިދާޅުވީ މިހާތަނަށް ބެލިބެލުމުން މި އެކްސިޑެންޓު ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގުން އެކުވެނި ކައިރިން ދުއްވާފައި ދިޔަ ކާރެއް އެމަގުން ދުއްވާފައި ދިޔަ އެހެން ކާރެއްގައި ޖެހި، ކޮންޓްރޯލް ނުވެ ގޮސް، އެމަގުން ދުއްވާފައި ދިޔަ ބަހުގައި ޖެހިގެނެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުޤީޤްކުރަމުންދާކަމަށެވެ.