 
										
			ނަހަމަ ގޮތުގައި އަގުބޮޑުކޮށް ތެލުގެ ވިޔަފާރިކުރުން ހުއްޓުވުމަށް އެސްޓީއޯއިން ފިޔަވަޅުތަކެއް އަޅައިފިއެވެ. 
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވީނަމަވެސް އޭގެ ސަބަބުން ރައްޔިތުންނަށް ވާނެ ގެއްލުން ކުޑަކުރުމުގެ ގޮތުން އެފްއެސްއެމްގެ ފިއުލް ޝެޑްތަކުންނާއި، މަސްވެރިންނަށާއި، ރަށްރަށުގެ ތެޔޮ ވިއްކާ ފަރާތްތަކަށް ތެޔޮ ވިއްކަމުންދަނީ ސަބްސިޑައިޒްޑް އަގެެއްގައިކަމަށެވެ. ނަމަވެސް ރިސޯޓްތަކަށް ތެޔޮ ވިއްކަމުންދަނީ ހަމަ އަގުގައިކަމަށް އަމްރު ވިދާޅުވިއެވެ. 
އަމްރު ވިދާޅުވީ އެސްޓީއޯއިން މިގޮތަށް މިކަން ކުރަމުންދާއިރު ބައެއް ފަރާތްތަކުން އަގުހެޔޮކޮށް ރައްޔިތުންނަށް ވިއްކާ ތެޔޮ ގަނެގެން ރިސޯޓްތަކަށް ވިއްކަން މަސައްކަތްކުރާކަން ފާހަގަ ކުރެވޭކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގަ އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމުގެ ގޮތުން ރަށްރަށުގައި ތެޔޮ ވިއްކާ ފަރާތްތަކުން އެވްރެޖްކޮށް ނަގަމުން އަންނަ އަދަދުގެ އިތުރުން ނަހަމަ ގޮތުގައި އަގު ބޮޑުކޮށް ތެލުގެ ވިޔަފާރިކުރުން ހުއްޓުވުމަށް، ބޭނުންވާ ވަރަށްވުރެ އިތުރަށް އެ ފަރާތްތަކަށް ތެޔޮ ދޫނުކުރާނެކަމަށް އަމްރު ވިދާޅުވިއެވެ. 
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުންދާއިރު، ސަރުކާރުން ދަނީ އޭގެ ސަބަބުން ރައްޔިތުންނަށް އުފުލަންޖެހޭ މާލީ ތަކުލީފުތައް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއްކުރަމުންނެެވެ. އެގޮތުން ތެލުގެ ސަބްސިޑީގެ ގޮތުގައި އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ސަރުކާރުން ދަނީ އެކަމަށް ހަރަދުކުރަމުންނެވެ.