ޚަބަރު

ދައުލަތުގެ އާމްދަނީ އިތުރުކުރުމާއި ގުޅޭ މަޝްވަރާތަކެއް ކުރިއަށް


ދައުލަތުގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ކަމާއި ބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިހެން ވިދާޅުވެފައިމިވަނީ ޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ މީޑިއާތަކުގައި ވާހަކަތައް ދެކެވެމުންދާ ދަނޑިވަޅެއްގައެވެ. މިކަމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރަމުން އަންނަކަމަށެވެ. އެހެން ނަމަވެސް ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރާކަށް މިހާތަނަށް ނިންމާފައި ނުވާ ކަމަށެވެ. އަދި ކަމާގުޅުން ހުރި ފަރާތްތަކާއެކު މިހާރު ކުރިއަށްދާ ބައްދަލުވުންތަކުން ނިންމާ ގޮތެއް ހާމަކުރާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ކޮންމެ އަހަރެއްގެ ބަޖެޓުގައިވެސް ދައުލަތަށް އާމްދަނީ އިތުރުކުރުމަށް ގިނަ ކަންތައްތަކެއް ހިމަނައެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. މީގެތެރޭގައި ހިމެނެނީ ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 15.4 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އެހެން ގޮތްގޮތުން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވާ 6 ބިލިއަން ރުފިޔާއެވެ. އަދި 9.2 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށްވެސް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ. މީގެ އިތުރުން އައު ސިޔާސަތުތަކުންވެސް އާމްދަނީ ހޯދަން ހިމަނާފައިވެއެވެ.

އެގޮތުން އާމްދަނީ އިތުރުކުރުމަށް ޕްލާސްޓިކް ބޭގް ޓެކްސްއެއް ތައާރަފުކުރުމާއި، ރިސޯޓުތައް ހެދުމަށް އާ ރަށްތައް ދޫކުރުމާއި، ރިއަލް އެސްޓޭޓް ޓޫރިޒަމް އިތުރަށް ފުޅާކުރުމާއި، ދިވެހިރާއްޖޭގެ ރަށްތަކުގައި ހިއްކޭ ބިމުގެ ވަކި އިންސައްތައެއް އާންމުންނަށް ވިއްކުމުގެ ސިޔާސަތު ތަންފީޒުކުރުމަށް ހިމަނާފައިވެއެވެ. މީގެ ތެރެއިން ބައެއް ސިޔާސަތުތައް މިހާރުވެސް ވަނީ ތަންފީޒްކުރަން ފަށާފައެވެ.